ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ވިޝާލް ބަޑްވާޖްގެ ކުރިއަށް އޮތް ފިލްމު "އޯ ރޯމިއޯ" ގައި މުހިންމު ރޯލުތަކެއް އަދާކުރާ ދެ ތަރިން ކަމަށްވާ ވިކްރާންތު މެސީ އާއި ތަމަންނާ ބާޓިއާ، އެ ފިލްމުގައި މަސައްކަތްކޮށްދީފައިވަނީ އެއްވެސް އަގަކާ ނުލައި ކަމަށް ޑައިރެކްޓަރު ހާމަކޮށްފިއެވެ.
މި ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުންނ އަންނަ ދަނޑިވަޅެއްގައި ވިޝާލް ބުނީ، ފިލްމުގެ ބަޖެޓް އިންތިހާއަށް ބޮޑުވެފައި ވަނިކޮށް މި ދެ ތަރިންގެ ފަރާތުން ލިބުނު އެހީތެރިކަމަކީ ފިލްމު ފުރިހަމަ ކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ. ޝާހިދު ކަޕޫރާއި ތުރިޕްތީ ޑިމްރީ ލީޑު ރޯލުން ފެންނަ މި ފިލްމުގައި ވިކްރާންތު އާއި ތަމަންނާ ކުޅެފައިވަނީ ޚާއްސަ މެހެމާނުންގެ ރޯލުތަކެކެވެ.
ވިކްރާންތު މި ފިލްމުގައި ހިލޭ މަސައްކަތްކުރަން ނިންމީ މީގެ އަހަރުތަކެއް ކުރިން ވިޝާލްއަށް ވެފައިވާ ވަައުދެއް ފުއްދުމުގެ ގޮތުންނެވެ. "ޓުވެލްތް ފެއިލް" އަށްފަހު ވިކްރާންތުގެ މަގުބޫލުކަން ބޮޑުވެފައިވީ ނަމަވެސް، އޭނާ ބުނެފައިވަނީ ވިޝާލްގެ މަގުބޫލު ކަމަކީ އޭނާ އެކްޓިން ދާއިރާއަށް ނުކުތުމަށް މެދުވެރިވި ސަބަބު ކަމަށާއި، އެހެންކަމުން މި ފިލްމުގައި މަސައްކަތްކުރީ ޑައިރެކްޓަރަށް ދިން ޓްރިބިއުޓެއްގެ ގޮތުގައި ކަމަށެވެ.
ތަމަންނާގެ ނިންމުމާ ގުޅޭގޮތުން ވިޝާލް ބުނީ، ފިލްމުގެ ބަޖެޓްގެ ދަތިކަން ހުރިކަން އެނގުމުން ތަމަންނާ އެއްވެސް ފީއެއް ނުނަގަން ނިންމީ އަމިއްލައަށް ކަމަށެވެ. ކުރު ރޯލެއް ނަމަވެސް، ފިލްމުގެ ވާހަކައިގެ މިސްރާބު ބަދަލުކޮށްލުމުގައި ތަމަންނާގެ ކެރެކްޓަރ މުހިންމު ދައުރެއް އަދާކުރާނެއެވެ. އޭނާ ވަނީ ނިންމާފައިވާ ވަރަށް ވުރެ އިތުރަށް ވަގުތު ހޭދަކޮށް، 12 ދުވަސް ވަންދެން ޝޫޓިންގައި ބައިވެރިވެފައެވެ.
މި ފިލްމަކީ ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްވީންސް އޮފް މުމްބާއީ" ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކަށް އަންނާނީ މި ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
ޝާހިދު ކަޕޫރް