އިރާނާއެކު ވިޔަފާރިކުރާ ގައުމުތަކުގެ ޓެރިފް ބޮޑުކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

އިރާނާއި އެމެރިކާއާ ދެމެދު ހަމަނުޖެހުން ބޮޑުވެފައިވާ އިރު، އެމެރިކާއިން ވަނީ އިރާނާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން އިރާނާއެކު ވިޔަފާރި ކުރާ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާއިން މިވަނީ ނިންމައިފައެވެ.

އެމެރިކާއާ ދެކޮޅުވާ ނުވަތަ އެމެރިކާ ނުރުހޭ ކޮންމެ ގައުމަކުން އެމެެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރަމުންދާ އިރު، އިއްޔެ ރައީސް ޓްރަމްޕް މިވަނީ އިރާނާއެކު ވިޔަފާރި ކުރާ ގައުމުތަކުގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރާނެކަން ނިންމަވައިފައެވެ.

ޓެރިފް ބޮޑުކުރަން ނިންމަވައި އެކަމަށް އަމަލުކުރުމަށް ސޮއިކުރައްވާފައިވާ އިރު، ޓެރިފް ބޮޑުކުރަން ނިންމި މިންވަރު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިދިޔަ މަހު ޓްރަމްޕް ވަނީ އިރާނާއެކު ވިޔަފާރި ކުރަމުން އަންނަ ގައުމުތަކުން ނަގާ ޓެރިފް 25 ޕަސަންޓަށް ބޮޑުކުރާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.

އިރާނާއި އެމެރިކާ ހަނގުރާމައަކަށް ގޮސްދާނެ ކަމުގެ ކޮޅުމަތި ފެނިފައިވާ އިރު، ދެގައުމުން ހުކުރު ދުވަހު ވަނީ ނިއުކްލިއާ މައްސަލައިގައި މަޝްވަރާއަށް އެއްވެފައެވެ. ނަމަވެސް އެ މަޝްވަރާގެ އެޖެންޑާ އާންމުވެފައި ނުވާއިރު އޭގެން ހާސިލުވެފައިވާ އެއްވެސް ކަމެއްގެ މައުލޫމާތު ދެގައުމުން ހިއްސާކޮށްފައެއް ނުވެއެވެ.