ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން، ހިލޭ ކުރިއަށް ގެންދަން ނިންމާފައިވާ ޤުރުއާން ކްލާސްތަކުގެ ޖާގަ ފުލްވެފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ކުޑަކުދިން ގުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީ އާއި އަލް އަސްރު ގުޅިގެން ކުރިއަށް ގެންދާ އެ ކްލާސްތަކުގައި ބައިވެރިވާން ހުޅުވާލީ މިދިޔަ ބުދަ ދުވަހު އެވެ.

އެޗްޑީސީން ބުނިގޮތުގައި 24 ގަޑިއިރުގެ ތެރޭގައި ސްލޮޓްތައްވަނީ ފުރިފަ އެވެ. އެގޮތުން 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން އެ ކްލާސްތަކުގައި ބައިވެރިވެފައިވެއެވެ. އެހެންކަމުން، މިހާރު ވަނީ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބަންދުކޮށްލާފައެވެ.

މިއީ، ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެކެވެ.

އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން ހުޅުމާލޭގެ އެކި މިސްކިތްތަކުގައި، ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ގުރުއާން ސެޝަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ކްލާސްތައް ކުރިއަށްގެންދާނީ ހެނދުނާއި ހަވީރަށް ބަހާލައިގެން، އަންހެން އަދި ފިރިހެން ކުދިން ވަކިންނެވެ. ކްލާސްތަކުގައި ޤުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ޓްރެއިން ކުރުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންނެވެ.