ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަ ސްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވާނީ މި މަހުގެ 9 އިން 13 އަށް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު، ޖަރުމަނުގެ ރައީސް ސްޓައިންމަޔާގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ. ރާއްޖެ އާއި ޖަރުމަނުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާ ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މި ދަތުރުފުޅުގައި ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވައި އެ ޔުނިވަސިޓީގައި ތަގުރީރު ވެސް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ޖާމަން ކައުންސިލް ފޯ ފޮރިން ރިލޭޝަންސްއަށް ޒިޔާރަތް ކުރައްވައި ތަގުރީރު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މި ދަތުރުފުޅުގައި ޖަރުމަނުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބިޒްނަސް ފޯރަމުގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ރާއްޖޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މައުލޫމާތު ދޭނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރާއްޖެ އާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ 5 ޖުލައި 1966 ގައެވެ. މި އަހަރު ރާއްޖެ އާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު