އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޗާންސެލަރުކަމުގެ މަގާމުން ޑރ. މުހައްމަދު ޒާހިރު ހުސައިން އިސްތިއުފާދެއްވައިފިއެވެ.

ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، ޒާހިރު މަގާމުން އިސްތިއުފާ ދެއްވަން ހުށަހެޅުއްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާއާ ބައްދަލުކުރައްވައި މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވައިފައެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ޒާހިރުއާ ބައްދަލުކުރައްވައި ރައީސް ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ވަރަށް އިހުލާސްތެރިކަމާއެކުގައި މިންނެތް މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ސަރުކާރުން އޭރު ފެއްޓެވި އަސާސީ ތައުލީމުގެ މަޝްރޫއު ހިންގަވައިދެއްވުމުގައްޔާއި ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި އަތޮޅު މަދަރުސާތައް ބިނާކުރައްވައި، ތައުލީމީ ރޮނގުން ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަން ޒާހިރު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ތައުރީފް ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ޒާހިރު ވިދާޅުވީ އައިޔޫއެމްގައި ހިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށާއި މި ސަރުކާރުން ވެސް އެ ފުރުސަތު ދެއްވީތީ ރައީސަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރައްވައި، ފެންވަރު މަތިކުރެއްވުމަށް ރައީސް އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޒާހިރު ވަނީ ތައުރީފު ކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

01 ފެބްރުއަރީ 2026، އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޗާންސެލަރުކަމުގެ މަގާމުން ޑރ. މުހައްމަދު ޒާހިރު ހުސައިން އިސްތިއުފާދެއްވަން ހުށަހެޅުއްވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނާ ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ޒާހިރު ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، މި ބައްދަލުވުމުގައި ރައީސް ވަނީ ހާއްސަ ސިޓީފުޅެއް އަރުވައިފައެވެ.

ޒާހިރު ވަނީ 49 އަހަރާއި 9 މަސް ދުވަހު ދައުލަތަށް ހިދުމަތް ކުރައްވައިފައެވެ. އަދި ރާއްޖޭގެ ތައުލީމީ ދާއިރާގައި 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައެވެ. އެމަނިކުފާނަށް ދައުލަތުން ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައިވަނީ 10 ނޮވެންބަރު 2008 ގައެވެ. މީގެ އިތުރުން ރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ވެސް ވަނީ 2024 ވަނަ އަހަރު އަރުވައިފައެވެ.