ކާޓިއުން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން ރޯޑް ޑިވެކޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ފޯރުކޮށްދިން ހިދުމަތްތަކުގެ އަގަށްވާ 7.1 މިލިޔަން ދެއްކުމުން ދައުވާ އަނބުރާ ގެންގޮސްފިއެވެ.

މި މައްސަލައަކީ އެ ހިދުމަތަތަކުގެ އަގަށް އާރުޑީސީން ކާޓިއުންސް އަށް ދައްކަންޖެހި ނުދައްކާ އޮތް 7.1 މިލިޔަން ރުފިޔާ އާއި އެ ފައިސާ ނުދެއްކުމުގެ ސަބަބުން ކާޓިއުން އަށް ލިބެމުންދާ ގެއްލުމުގެ ހޯދުމަށާއި، ދައުލަތުގެ ކުންފުންޏަކުން ފައިސާ ދައްކަމުން ނުދާތީ ނޮމިނަލް ޑެމޭޖާސްގެ ގޮތުައި އެއް މިލިޔަން ރުފިޔާ އާއި ގާނޫނީ ހިދުމަތް ހޯދުމަށް ކުރަންޖެހުނު ހަރަދުގެ ގޮތުގައި 30،000 ރުފިޔާ އާރުޑީސީ ން ހޯދުމަށް އެ ކުންފުނީގެ ފަރާތުން ސިވިލްކޯޓުގައި ކުރި ދައުވާއެކެވެ.

މި ދައުވާގެ އެއްބަޔަށް ކާޓިއުންސްގެ ފަރާތުން އެއްބަސްވިއެވެ. އެއީ ކާޓިއުންސިން ފޯރުކޮށްދިން އަގަށްވާ 7.1 މިލިޔަން ރުފިޔާ އަށެވެ. އެއާއެކު، އެފައިސާ ކާޓިއުންސްއަށް ދައްކަން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އާރުޑީސީގެ މައްޗަށް އަމުރުކޮށްފައި ވާތީ އާއި އެ ފައިސާ ދެއްކުމާމެދު ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެފައިވާތީ، މި ދައުވާގެ ބާކީ ބައި ކުރިއަށް ގެންދަން ކާޓިއުންސިން ބޭނުން ނުވާ ކަމަށް ބުނެ ދައުވާ ބާތިލް ކުރުމަށް އެދި އާރުޑީސީން ހުށަހެޅިއެވެ.

މި މައްސަލަ ކޯޓުން އިތުރަށް ބެލުމަށް ފަހު އިއްޔެ ކުރި ހުކުމްގައި ވަނީ، އާރުޑީސީން ކާޓިއުންސް އަށް ދައްކަންޖެހޭ 7.1 މިލިޔަން ރުފިޔާ ދައްކައި ހަލާސްކުރުމާއެކު މި ދައުވާގައި ހިމެނޭ ހުސޫމަތު މިހާރު ނިމުމަކަށް އައިސްފައިވާތީ، ކާޓިއުންސްއިން މި ދައުވާ އަނބުރާ ގެންގޮސްފައިވާކަމަށް ކަނޑައަޅައި މި ގަޒިއްޔާ ނިންމީ ކަމަށެވެ.