ދަރިވަރުން ދުވަސް ފަށަން ވާނީ ފަތިސް ނަމާދުން ކަމަށާއި، އެކަން އެގޮތަށް ކުރުމަށް ހުރިހާ ދަރިވަރުންގެ ކިބައިން އެދިވަޑައިގަންނަވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޝަހީދު އަލީ ސްކޫލް ހުޅުވުމަށް މިއަދު އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަދަކީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ދުވަސްކަމުން ދަރިވަރުންނާއި، ޕްރިންސިޕަލުން އަދި ޓީޗަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ ތުއްތު ކުދީންނާއި ޒުވާނުންގެ ހިތުގައި ގައުމިއްޔަތުގެ ބިންވަޅު ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކޮންމެ ދަރިވަރަކުވެސް ބަލަންވާނީ ގައުމަށް ހިދުމަތްކޮށްދިނުމަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ތައުލީމީ ހަޔާތަކީ ގައުމާއި، މުޖުތަމައަށް ބޭނުންތެރި ދުވަސްތަކަކަށް ހަދަންވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަޔާތުގެ ކޮންމެ ދުވަހެއް އަދި ކޮންމެ ވަގުތެއްވެސް ހޭދަކުރަންވާނީ އިސްލާމްދީނާ އެއްގޮތަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ފަރުލު ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން. ވަގުތުން ވަގުތަށް ނަމާދު ކުރުމަށް. ފަތިސް ނަމާދަށް ގަޑިއަށް ހޭލުމަށް، ހޭލައި، ފަތިސް ނަމާދުކޮށްގެން ދުވަސް ފެށުމަށް ހުރިހާ ކުދިންވެސް އަޒުމު ކަނޑައަޅަން އަޅުގަނޑު ހުރިހާ ކުދިންނަށް، ރާއްޖޭގެ ހުރިހާ ކުދިންނަށް އަޅުގަނޑު އިލްތިމާސްކުރަން. މައިންބަފައިންގެ ކިބައިންވެސް އެދެން ހުރިހާ ކިޔަވާ ކުދިން ދުވަސް ފަށަނީ ގަޑިއަށް ފަތިސް ނަމާދުގެ ގަޑީގައި ތެދުވެ ނަމާދު ކޮށްގެންކަން، އެއީ މައިންބަފައިންގެ ޒިންމާއެއްކަމަށް ކަނޑައަޅައި އެކަން ކަށަވަރުކުރެއްވުމަށް" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އިސްލާމްދީނުގައި ކަންކަން ބަޔާންކޮށްފައިވަނީ މާތް މަގުސަދުތަކެއްގައި ކަމަށެވެ. އެ ކަންކަމަކީ ހަމައެކަނި ފޮތެއްގައި ލިޔެވިފައި ހުންނަން ޖެހޭ ކަންކަމެއް ނޫން ކަމަށާއި، ދީނުގެ ކަންކަން އޮންނަނީ އަމަލީ ގޮތުން ކޮންމެ ދުވަހަކު އެކަމެއް ކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ، ދުވަސް ފަށަން އޮންނަ ގޮތަށް ފަށައި، އެ ދުވަހުގެ ބޭނުން ކިޔަވާ ކުދިން އެންމެ ހެޔޮގޮތުގައި ހިފާނެ ގޮތަށް ކަންކަން ސްކޫލުތަކުގަވެސް ތަރުތީބުވެފައި އޮންނަންވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓީޗަރުންނާއި، މައިންބަފައިންގެ ނަސޭހަތް އަޑުއަހަންވާނެ ކަމަށާއި، އޭރުން ގުޑުވައި ނުލެވޭވަރުގެ އަދި ރެނދު ނުލާނެ ފައުންޑޭޝަނެއް އެޅިގެންދާނެ ކަމަށެވެ.
ސްކޫލް ނިންމައި ކުރިއަށްދާން ބަލާއިރު ދަރިވަރުންގެ ބިންގާ އެޅިފައިވަނީ ރަނގަޅަށް ނޫން ކަމަށްވަންޏާ ކުރިއަރައިގެން ދިޔުމަށް ދަތިތަކެއް ދިމާވާނެކަމަށް ރައީސް ވިދާޅުވިއެވެ. ދަރިވަރުންގެ ތައުލީމީ ހަޔާތުގައި ރަނގަޅު ބިންގަލެއް އެޅުމަކީ ޓީޗަރުންނާއި މައިންބަފައިންގެ ޒިންމާއެއް ކަމަށާއި، ސަރުކާރުން އެކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތް ކުރާނީ މާލެއާއި، އެއްފެންވަރުގެ ތައުލީމެއް ރަށްރަށުން ލިބޭނެ ގޮތް ހަދައިދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރުވެސް 1،500 އަށްވުރެ ގިނަ ދަރިވަރުން މާލެއަށް ބަދަލުވި ކަމަށާއި، އެކަމުން އެނގެނީ ރަށްރަށުގައި ފެންވަރު ރަނގަޅު ތައުލީމު ނެތުންކަންކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު