ތައުލީމު އުނގެނުމާއި އުނގަންނައިދިނުމަކީ ދީނީ އަދި ގައުމީ ޒިންމާއެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ބޮޑު ޗުއްޓީއަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން، ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

އިސްލާމްދީނަށާއި ދިވެހި ގައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ގައުމުގައި ބިނާކުރެވޭނީ ތައުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށް ރައީސްގެ ތަހުނިޔާ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މި އަހަރަށް ސްކޫލްތަކުގެ ކިޔެވުން މިއަދު ފަށާއިރު، ތައުލީމީ ދާއިރާގެ އެންމެހައި ހިންގުންތެރީންނަށާއި ޓީޗަރުންނަށާއި ބެލެނިވެރީންނަށާއި ލޮބުވެތި ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

"ތައުލީމު އުނގެނުމާއި އުނގަންނައިދިނުމަކީވެސް ވަރަށް ބޮޑު ދީނީ އަދި ގައުމީ ޒިންމާއެއް. ދިވެހީން އެދޭ ފާގަތި ކުރިމަގު މި ގައުމަށް ހޯދައިދެވޭނީ މި ޒިންމާ އަދާކުރުމުގައި އަޅުގަނޑުމެން އެންމެން އެއްބާރުލައި އިހުލާސްތެރިވީ މިންވަރަކުން" ތައުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށާއި ހެޔޮލަފާ، ތޫނުފިލި، އުޅުން ރީތި ދަރީންތަކެއް ދިވެހި ތަޢުލީމީ ހިޔާވަހިތަކުގައި ބޮޑެތި ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި. އާމީން" ރައީސްގެ މެސެޖު ނިންމަވައިލައްވަމުން ވިދާޅުވެފައިވެއެވެ.