މިސަރުކާރުގެ ވައުދާ އެއްގޮތަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދޭން ނިންމި މަސް ދަޅު ކޭސްތައް އަތޮޅު ތެރެެއަށް ފޮނުވުމުގެ މަސައްކަތް މި ހަފުތާ ތެރޭގައި ނިމޭނެ ކަމަށް ސިޓީތަކާއި ލޯކަލް ކައުންސިލް އިދާރާތަކާ ބެހޭ މިނިސްޓްރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ ރޯދަ ހަދިޔާ ހޯދުމަށް މާލޭގައި ރޭގެ 8:06 އާ ހަމައަށް 4805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވާ ކަމަށެވެ.
"މިއީ ހަމައެކަނި މިރެއަށް ނަންބަރު ނަގާފައިވާ އަދަދު. އަތޮޅުތަކަަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ދަނީ ކުރެވެމުން. މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ. ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ،" ޝަރީފް ވިދާޅުވިއެވެ.
މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11ގެ ނިޔަލަށެވެ. އެއީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 20:30 އިން 23:00 އަށެވެ.
މާލެ ފިޔަވައި ރަށްރަށާއި ސިޓީތަކުގައި ގޭބިސީގޮތުގައި ބަލާފައިވާނީ ވަކިން ކައްކާ ކައިބޮއި ހަދާ ކޮންމެ ދިވެހި އާއިލާއަކަށެވެ. މާލެ ސަރަހައްދުގައި ގޭބިސީއެއްގެ ގޮތުގައި ބަލާނީ ކޮންމެ ޑޮމެސްޓިކް މީޓަރެއް ވަކިންނެވެ. މިނިސްޓްރީން ގޭބިސީ ލިސްޓް އެކުލަވައިލި އިރު، ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ އަދަދަކީ 56,918 އެވެ.
ގްރޭޓާ މާލެ ސަރަހައްދުގެ ޑޮމެސްޓިކް މީޓަރުގެ އަދަދަކީ 61,755 އެވެ. ވުމާއެކު މުޅި ޖުމުލަ ގޭބިސީގެ އަދަދަކީ 118,673 އެވެ. ރަށްރަށާއި ސިޓީތަކަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިންނެވެ. މާލެ ފިޔަވައި ރަށްރަށާއި ސިޓީތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ ކައުންސިލުތަކުނެވެ.
މާލެ ސަރަހައްދު (މާލެ އާއި، ވިލިމާލެ އަދި ހުޅުމާލެ) ގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްގެންދަނީ ވޭނީ، އެކަމަށް ގާއިމުކުރާ މަރުކަޒުތަކުގައެވެ.
މާލެ ސަރަހައްދުން މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯވިލުހެންވޭރު ބޯޅަދަނޑު
- ގަލޮޅު ދަނޑު (1)
- ގަލޮޅު ދަނޑު (2)
- ގަލޮޅު ދަނޑު (3)
- ގަލޮޅު ދަނޑު (4)
ހުޅުމާލެ- ފޭސް 1؛
- އުމަރު ޒާހިރު ބިލްޑިން
- ޕޮލްކޯ ޓަވަރު ތިރި
- މުހައްމަދު ގާސިމް ޕްރީ ސްކޫލް
ހުޅުމާލެ ފޭސް 2؛
- ކާމިލުދީދީ ސްކޫލް
- ހިޔާޓަވަރު 10
- ވިނަރެސް ފްލެޓް
ވިލިމާލެ؛
- ވެމްކޯ ސައިޓް
ރޯދަ ހަދިޔާގެ ޑިސްޓްރިބިއުޝަނަށް ފުލުހުން ރޯދަ ހަދިޔާ ޕޯޓަލް roadhahadhiya.mv ތައާރަފުކޮށް، ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުވާލާފައެވެ. ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް، އެމްޕީއެލް، ވެމްކޯ، އެމްޑަބްލިޔުއެސްސީ އަދި މިފްކޯ ހަރަކާތްތެރިވާނެއެވެ.
މަސްދަޅުކޭސް ލިބުމުގައި މައްސަލައެއް ދިމާވެގެން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުން ވެއްޖެނަމަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖަކުން ހުށަހެޅޭނެއެވެ. އެކަމަށް ހާއްސަ ކޮށްފައިވާ ނަންބަރަކީ 7741446 އެވެ.
ފާތިމަތު ލިއުޝާ
ރޯދަމަސް
ރޯދަމަސް
ރޯދަމަސް
ރޯދަމަސް