ތަކެއްޗަށް ގެއްލުންދީގެން ހައްޔަރުކުރި މީހަކު ގޮޅިއަށް ނުވައްދައިގެން ކަސްޓޯޑިއަލްގެ ފާހާނާއަށް ވަދެ ފްލަޝް ޓޭންކުގެ މަތިގަނޑު ތަޅާލައިގެން ދައުވާކުރި މީހަކަށް ތިން މަސް ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން ކޮށްފިއެވެ.

މި މައްސަލައިގައި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ސާބިތުވެގެން ޖަލަށްލާން ހުކުމް ކުރީ ބ. ގޮއިދޫ ލިލީވިލާ ވިލްދާން އަހްމަދަށެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރުކުރީ، ހުޅުމާލެ ފޭސް އެކެއްގެ ތިން ނަމްބަރު ފްލެޓް ކައިރީގައި ހުރި ސައިކަލަކަށް ގެއްލުންދީ އިތުރު އެޕާޓްމަންޓެއްގައި ހުރި މުދަލަށް ގެއްލުންދިން މައްސަލައިގައެވެ.

ހައްޔަރު ކުރުމަށްފަހު، ގެންގޮސް ހުޅުމާލެ ކަސްޓޯޑިއަލްގެ ވެއިޓިން އޭރިޔާގައި އޭނާ ބައިންދާފައި އިންދައި ގޮޅިއަށް ނުވައްދައިގެން އަޑުގަދަކުރިއެވެ. އަދި ގޮޅިއަށް ވައްދާނީ އެއްޗެއް ހަލާކުކުރުމުންކަމަށް ބުނުމަށްފަހު، ފާހާނާކުރުމަށް ބޭނުންވާ ކަމަށްބުނެ ފާހާނައަށް ވަނެވެ. އެއަށްފަހު ފާހާނާއިގެ ފްލަޝް ޓޭންކުގެ މަތިގަނޑު ބިންމައްޗަށް ވައްޓާލުމަށްފަހު ވަނީ ތަޅާލައިފައެވެ.

މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް ކުރީ އެ މައްސަލައިގައެވެ.

ދައުވާގެ ވަކި ހިސާބަކުން އޭނާ ވަނީ ކުށަށް އިއުތިރާފު ވެފައެވެ.

އެހެންކަމުން އިއުތިރާފްގެ މައްޗަށް އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ އަންގާރަ ދުވަހު ތިން މަސްދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމްކުރިއެވެ.