ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4,000 ފްލެޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ކުރިއަށްގެންދިޔަ އެންމެހާ މަސައްކަތްތައް މިހާރު ނިންމާލާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ފުރިހަމަކޮށް ނިންމާލާފައިވާ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

ފްލެޓުތައް ހަވާލުކުރަނީ ފިނިޝިންގެ މަސައްްކަތްތައް ނިންމުމަށް ފަހުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުލްމުއްތަލިބް ކުރިންވަނީ ވިދާޅުވެފަ އެވެ.

ގެދޮރުވެރިޔާ ފްލެޓުގެ ތިން ކޮޓަރީގެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ ނަގާ އިރު، މެއިންޓެނަންސް ފީ އަކީ 1،500 ރުފިޔާއެވެ. އެއާއެކު މަހަކު ދައްކަންޖެހޭ ޖުމުލަ ކުއްޔަކީ 10،000 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނީ 8،500 ރުފިޔާއެވެ.

އޭގެ އިތުރުން ދެ ކޮޓަރީގެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 6،000 ރުފިޔާ ނަގާ އިރު، މެއިންޓެނަންސް ފީ އަކީ 1،000 ރުފިޔާއެވެ. އެއާއެކު މަހަކު ދައްކަންޖެހޭ ޖުމުލަ ކުއްޔަކީ 7،000 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނީ 6،000 ރުފިޔާއެވެ