"ބޯހިވާހިކަން އެންމެންނަށް" ޕްރޮގްރާމުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ހާލަތު ބެލުމަށް އެފަރާތްތައް ދިރިއުޅެމުންދާ ތަންތަނަށް ސަރުކާރުން ނުދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުލް މުއްތޮލިބް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމްގައި ޝަރުތު ހަމަވާ ފަރާތްތައް ބަލާނީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެކަން ކުރާ ގޮތަށް އާމްދަނީއަށް ބަލައިގެން ކަމަށެވެ.
"މި ޕްރޮގްރާމްގައި އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެމީހާ ގޭގައި ދިރިއުޅޭ ހާލަތު އެމީހާ ގޭގައި ހުންނަނީ ކިތައް ފާހަނަތޯ، ކިތައް ކޮޓަރިތޯ، ދިރިއުޅެނީ ކިތައް މީހުންތޯ އެފާހަނައަށް ވަދެ ނުކުންނަނީ އެ މައުލޫމާތަކީ ދައުލަތަށް ވެރިފައި ކުރެވޭނެ މައުލޫމާތުކަމަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ މިސާލެއްގެ ގޮތުން މިފަހުން ސޯޝަލް ހައުސިން ފްލެޓް ލިބުނު މަޖިލިސް މެންބަރެއްގެ އާއިލާ މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މިސާލަކަށް ދަންނަވާކަމުގައިވާނަމަ އަޅުގަނޑު ވަރަށް ގިނައިން ދައްކާ ވާހަކައެއް. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މަންމާފުޅު އަޅުގަނޑަށް އެނގޭ، ބައްޕާފުޅަކީ މާލޭ ބޭފުޅެއް، ގޯތި ގެދޮރުވެސް ހުރި ބޭފުޅެއް. އެކަމަކު މަންމާފުޅުގެ އެޕްލިކޭޝަންގައި ޖަހާފައި މިއިންނަނީ އެއް ފާހަނަ ބޭނުންކުރެއޭ ހަ ބޭފުޅުން. އެއް ކޮޓަރީގައި ނިދިކުރައްވައޭ ހަ ބޭފުޅުން. އަޅުގަނޑު މިހެން ޒާތީގޮތުން ވިސްނާލާއިރު އެނގޭ އެއީ ސައްހަ މައުލޫމާތު ނޫންކަން އެކަމަކު ދައުލަތުން ކިހިނެއްތޯ ވެރިފައިކުރާނީ އެގެއަށް ދިޔަޔަސް އެ ފާހަގަ ހަ މީހުން ބޭނުންކުރޭތޯ، އެ ކޮޓަރީގައި ހަ މީހުން ނިދާކަމެއް،"
"އެހެންވީމަ ވެރިފައި ނުކުރެވޭ މައުލޫމާތުތަކެއް ހޯދުމަކީ އެއީ ކަރަޕްޝަންގެ ތެރެއަށް ހިނގައިދާނެ ކަމެއް،"
މިނިސްޓަރު ވިދާޅުވީ އެފަދައިން ނުބައި މައުލޫމާތު ދީގެން މީހުން ފްލެޓް ހޯދާފައިވާ ވާހަކަ ވަރަށް ގިނައިން އިވޭ ކަމަށެވެ.
އެހެންވެ އެންމެ އިންސާފުވެރިކަމާއެކު ހައްގުވެރިންނަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ ގޮތަކީ އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި މުދާވެރިކަމާއި ބެލުމުގެ ދަށުގައި ތިބި މީހުންގެ މައުލޫމާތަށް ބަލައިގެން ކަމަށެވެ. އަދި އެއީ ވެރިފައި ކުރެވޭނެ މައުލޫމާތު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެން ނަމަވެސް ސަރުކާރުން ހާލަތު ބަލާފައި އެސެސްމެންޓް ހަދާފައި ދޭންޖެހޭ ފަދަ އާއިލާއެއް ހުރެއްޖެނަމަ އެކަމަށް އެޓެންޑްކުރެވޭނެ އުސޫލެއް ކެބިނެޓުން ފާސްކޮށްފައިވާ ކަމަށެވެ. ސޯޝަލް މިނިސްޓްރީއަށް ފާހަގަކުރެވޭ އެފަދަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށާއި އެއީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
މިނިސްޓަރު ވަނީ ދޮގު މައުލޫމާތާއި ލިޔުން ހުށަހަޅައިގެން ބޯހިޔާވަހިކަން ނުހޯދުމަށް އިލްތިމާސް ކުރައްވައިފައެވެ. އެއީ އެކަމުގެ ސަބަބުން ބޯހިޔާވަހިކަން އެންމެ ހައްގުވާ ފަރާތްތަކުގެ ހައްގުތަކަށް އަރައިގަނެވޭނެތީ ކަމަށެވެ.
މިނިސްޓަރު ވަނީ ފޯމް ހުށަހަޅާއިރު ސައްހަ މައުލޫމާތު ހިމަނައިގެން އަދި އެކަމަށް ބޭނުންވާ ވަގުތު ނަގައިގެން އެންމެ ފުރިހަމައަށް އެކަން ކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފައެވެ. ލިޔުންތައް ހަމަކޮށްގެން ފޯމް ފުުރުމަކީ ފޯމް ފުރާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.
"އެ ހަމަނުކޮށް ލައިގެން ނުވަތަ އަޅުގަނޑުމެންނަށް އެފަރާތުން ދީފައިވާ މައުލޫމާތަކީ ސައްހަ މައުލުމާތުކަން ޔަގީންވާވަރަށް ލިޔުންތައް ހުށަނާޅާ ކަމަށް ވަންޏާ އޭގެ ޒިންމާ އަޅުގަނޑުމެން ނަގާކަށް ބޭނުމެއް ނުވޭ. ހަގީގަތުގައި އެއީ އެ މަސައްކަތްކޮށްގެން ޑޮކިއުމަންޓްތައް ހޯދާފައި ސަބްމިޓްކުރާ ފަރާތްތަކުގެ ހައްގުތައް އޭގެން ނިގުޅައިގަނެވެނީ،"
މިނިސްޓަރު ވިދާޅުވީ ފޯމް ހުށަހަޅާ ޕޯޓަލްގައި އުސޫލުތަކާއި ޓެމްޕްލޭޓްތައް ދީފައިވާނެ ކަމަށާއި އަދި މިނިސްޓްރީގައި އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ޓެންޓެއްވެސް ގާއިމްކޮށްފައިވާނެ ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސިސްޓަމެއް ނުވަތަ ޑޭޓާބޭސްއެއް ގާއިމްކުރަން ކަމަށާއި ބޭނުންވަނީ ވެއިޓްލިސްޓުގެ ގޮތުގައި މި ލިސްޓު ބާއްވަން ކަމަށެވެ. އަދި ފްލެޓްތައް އިތުރުވާ ވަރަކަށް މައުލޫމާތު އަޕްޑޭޓް ކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
އެ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި އަހަރުގެ އެޕްރިލް 17 ވާ ހުކުރު ދުވަހުގެ 23:59އެވެ. އަދި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 4 މާޗް 2026 ވާ ބުދަ ދުވަހެވެ.
ގޯއްޗާއި ފްލެޓްތަކަށް އެދުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ހުޅުވާލިއިރު މިހާތަނަށް 800އަށްވުރެ ގިނަ ފޯމް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އާއިޝަތު މާހާ
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް