ރާއްޖޭގެ ތަރައްގީގެ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށާއި ދިގު މުއްދަތުގެ ތަރައްގީގެ ލަނޑުދަނޑިތަކަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްއާ ދެމެދު ކަންޓްރި ޕާޓްނަޝިޕް ފްރޭމްވޯކްއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ މި އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި ދެމެހެއްޓެނިވި އުމްރާނީ ތަރައްގީ އާއި އިއާދަކުރަނިވި ހަކަތަ އާއި މާލީ ދާއިރާގެ ހަމަޖެހުމުގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އޮސްޓްރިއާގެ ވިއޭނާގައި ހުންނަ އޯޕެކް ފަންޑުގެ މައި މަރުކަޒަށް ފޮރިން މިނިސްޓަރު މޫސާ ޒަމިރު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ފްރޭމްވޯކަކީ އޯޕެކް ފަންޑުން ދޭ މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖޭގެ ގައުމީ ތަރައްގީގެ ސިޔާސަތުތަކާ އެއްގޮތަށް ބައްޓަން ކުރުމަށް އެކުލަވައިލެވުނު އޮނިގަނޑެއް ކަމަށެވެ. މީގެ މައިގަނޑު މަގުސަދަކީ އަތޮޅުތަކުގެ އުމްރާނީ ތަރައްގީ ފުޅާކޮށް، ސަރަހައްދީ ތަރައްގީގެ ހަމަހަމަކަން ގާއިމުކުރުމާއި ދިގު މުއްދަތުގެ އިގުތިސޯދީ ކުރިއެރުން ކަށަވަރުކުރުން ކަމަށެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މިއީ އޯޕެކް ފަންޑާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މި އާ ކަންޓްރީ ޕާޓްނާ ޝިޕް ފްރޭމްވޯކުން ހާމަވެގެންދަނީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ، ދެމެހެއްޓެނިވި އުމްރާނީ ވަސީލަތްތަކެއް ގާއިމުކުރުމަށާއި ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން. މީގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްގީ ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ވެސް މީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ. މިއީ ދަތުރުފަތުރާއި ހިދުމަތްތައް ފޯރުކޮށްދިނުމާއި ރަށްރަށުގެ ފެންވަރުގައި އިގުތިސޯދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ނުހަނު ބޭނުންތެރި ކަމެއް،" ޒަމީރު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކަށް ތައްޔާރުވާން އޯޕެކް އާއެކު އެއްބަސްވުމެއްގައި ސޮއިކުރުން. -- (ފޮޓޯ/ ފިނޭންސް މިނިސްޓްރީ)

ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށާއި ރަށު ފެންވަރުގެ އިގްތިސޯދުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި ބޭރުގެ އެކި ގޮންޖެހުންތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭ. އެހެންކަމުން ބަނދަރުތަކާއި، ދަތުރުފަތުރުގެ ނިޒާމާއި, ފެނާއި ނަރުދަމާގެ އިތުރުން އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު މަޝްރޫއުތަކަށް ބޭނުންވާ ދިގު މުއްދަތުގެ ލުއި ލޯނު ހޯދުމަށް މިފަދަ ގުޅުންތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއް. މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ ވިލުންވެރިކަން އިތުރުވެ، އިގުތިސޯދީ ހަރަކާތްތައް ފުޅާވެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ،" ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ވޭތުވެދިޔަ މުއްދަތުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް އޯޕެކް ފަންޑުން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

"1977 ވަނަ އަހަރުން ފެށިގެން އޯޕެކް ފަންޑަކީ ރާއްޖޭގެ ތަރައްގީގެ އިތުބާރު ހުރި ބައިވެރިއެއް. ފެނާއި ނަރުދަމާ, ދަތުރުފަތުރު، ސިއްހަތު، ތައުލީމު އަދި މަސްވެރިކަމުގެ ދާއިރާގެ މުހިންމު މަޝްރޫއުތަކަށް އެ ފަންޑުން ވަނީ ބޮޑެތި އެހީތަކެއް ދީފައި. އަޅުގަނޑުމެން މި ގުޅުން ނުހަނު ބަލައިގަންނަން. އަދި އިއާދަކުރަނިވި ހަކަތަ އާއި މޫސުމީ ބަދަލުތަކަށް އިންތިޒާމުވުމާއި ދެމެހެއްޓެނިވި އުމްރާނީ ތަރައްގީގެ ދާއިރާއިން މި ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުގެ ތެރެއިން ބޭއްވުނު ބައްދަލުވުންތަކުގައި، ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތާއި މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އޯޕެކް ފަންޑުން ވަނީ އެ ފަންޑުގެ ސިޑްސް އިނީޝިއޭޓިވް އަދި ގްރީން-ބްލޫ ކަނެކްޓް ޕްރޮގްރާމްގެ ދަށުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންދީފައެވެ.

މިއަދު ސޮއިކުރެވުނު އާ އޮނިގަނޑުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އޯޕެކް ފަންޑާއެކު ކުރެވޭ މަސައްކަތްތަކަށް މަގުދައްކައިދީ، ގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ ހަރުދަނާ ދެމެހެއްޓެނިވި އިގްތިސޯދެއް ބިނާކުރުމަށް މުހިންމު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.