"ބޯހިވާހިކަން އެންމެންނަށް" ޕްރޮގްރާމުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި މިހާތަނަށް 500 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް އިއްޔެ 9:00 ގައި ވަނީ ހުޅުވާލައިފައެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ފާއިތުވި 24 ގަޑިއިރު 518 އެޕްލިކޭޝަން އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި ފުލެޓަށް އެދި 399 ފޯމު ހުށަހަޅާފައިވާ އިރު، ގޯތި ހޯދަން 119 ފޯމެއް ހުށަހަޅާފައިވާ ކަމަށެވެ. ޑްރާފްޓިން ސްޓޭޖުގައި 3،836 ފޯމު ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދަރުބާރުގޭގައި އިއްޔެ ބޭއްވި ހަފުލާއެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އެ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި އަހަރުގެ އެޕްރިލް 17 ވާ ހުކުރު ދުވަހުގެރޭ 23:59 ކަމަށާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 4 މާޗް 2026 ވާ ބުދަ ދުވަސް ކަމަށެވެ.

އެ ޕްރޮގްރާމަކީ އެހެން ފަހަރުތަކާ ހިލާފަށް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ހާއްސަކުރެވިގެން ހިންގޭ ޕްރޮގްރާމެއް ކަމަށާއި އާއިލާތަކަށް އިސްކަންދިން ނަމަވެސް، ވަކިވަކި ފަރުދުންނަށްވެސް ހުށަހެޅޭނެ ކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.

"ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް،" މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ފުލެޓު ދޫކުރާ އުސޫލު ގެޒެޓުކުރުމަށްފަހު ހައުސިން މިނިސްޓްރީން 2025 ނޮވެމްބަރު 17 ގައި ކުރި އިއުލާނެއްގައި ބުނީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އަންނަ މާޗް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 17 ގައި އާންމުކުރި ފުލެޓު ދޫކުރާ އުސޫލުގައިވާ ގޮތުން މާލޭ ރަށްވެހިންނަށް 4000 ފުލެޓު އަދި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް 1500 ފުލެޓު ވަނީ ހާއްސަކޮށްފައެވެ. ހާއްސަ ކެޓަގަރީތަކެއްގެ ފަރާތްތަކަކަށް ވެސް ފުލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ؛

  • 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން - 100 ފުލެޓު
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް - 100 ފުލެޓުއަލަތު ކައިވެނި ކުރާ ފަރާތްތައް / ޒުވާން އާއިލާތައް - 250 ފުލެޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް - 50 ފުލެޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުން - 200 ފުލެޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީގެ މުވައްޒަފުން - 100 ފުލެޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް - 100 ފުލެޓު
  • މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތައް - 50 ފުލެޓު
  • ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ހަވާލުކޮށްފައިނުވާ ފަރާތްތައް - 300 ފުލެޓު
  • ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭކަމަށް ކަނޑައަޅާ ފަރާތްތައް - 50 ފުލެޓު ވަނީ ހާއްސަކޮށްފައެވެ.

އެ އުސޫލުގެ ދަށުން ފުލުހުންނަށް 100 ފުލެޓު އަދި ސިފައިންނަށް ވެސް 100 ފުލެޓު ވަނީ ހާއްސަކޮށްފައެވެ. ސިވިލް ސާވިސް މުވައްޒަފުންނަށް 200 ފުލެޓު ހާއްސަކޮށްފައިވާ އިރު، އެހެނިހެން މުއައްސަސާތަކުގެ މުއައްޒަފުންނަށް ވެސް 300 ފުލެޓު ވަނީ ހާއްސަކޮށްފައެވެ.

18 އޮގަސްޓް 2025، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ތެރެއިން: މިހާތަނަށް ރަސްމާލެއިން ވަނީ 129 ހެކްޓަރުގެ ބިން ހިއްކާފައި --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ފުލެޓު ދޫކުރާ އެހެނިހެން މުއައްސަސާތަކަކީ؛

  • ރައީސުލްޖުމްހޫރިއްޔާގެ އޮފީސްރައްޔިތުންގެ މަޖިލީހުގެ އިދާރާ
  • އެޓާނީ ޖެނެރަލްގެ އޮފީސް
  • ފޮރިން ސާވިސް
  • ޖުޑިޝަލް ސާވިސް ކޮމިޝަން
  • އިލެކްޝަންސް ކޮމިޝަން
  • ސިވިލް ސާވިސް ކޮމިޝަން
  • ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
  • އެންޓި ކޮރަޕްޝަން ކޮމިޝަން
  • އޮޑިޓާ ޖެނަރަލް އޮފީސް
  • ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް
  • މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
  • މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
  • ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން
  • މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން
  • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
  • ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ
  • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
  • މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު
  • ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް
  • އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓަސް އޮފީސް
  • ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
  • ވަޒީފާއާބެހޭ ޓްރައިބިއުނަލްލޯކަލް ގަވަމަންޓް އޮތޯރިޓީ
  • ޓެކްސް އެޕީލް ޓްރައިބިއުނަލް