މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި 118،000 މަސްދަޅު ކޭސް ބަހާނެކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މިފްކޯއިން މިހާރު ދަނީ ރޯދަ ހަދިޔާ މަސްދަޅު ކޭސްތައް ބަންދުކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެ މަސައްކަތް ނިންމާލެވޭނީ މިއަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ކަމަށެވެ. އަދި މިއަންނަ މަހު މަސްދަޅު ކޭސްތައް ބަހަން ފަށާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައި ރޯދަ ހަދިޔާ މަސްދަޅު ކޭސްތައް ބަންދުކުރަން ފަށައިފި، އެއީ 118،000 މަސްދަޅު ކޭސް. އެ މަސްދަޅުތައް ބަންދުކުރުމުގެ މަސައްކަތް ކުރަމުންދަނީ އެހެން ޕްރޮޑަކްޝަންތަކަށް ދަތިނުވާނެ ގޮތަކަށް ސަމާލުކަން ދީގެން" އޮފިޝަލް ވިދާޅުވިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ބަންދުކޮށްފައިވާ ބައެއް މަސްދަޅުތައް މިހާރުވަނީ ހދ. ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ހިތަދޫ ޕޯޯޓުގައި ގުދަންކޮށްފައިކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެއީ ގާތްގަޑަކަށް 30،000 އަށްވުރެ މަސްދަޅު ކޭސްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެއިރުން އެ މަސްދަޅުތައް ބެހުމުގެ ކަންކަން ކުރިއަށް ގެންދަން ފަސޭހަވާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު 111،231 މަސްދަޅު ކޭސް ރޯދަ ހަދިޔާގެ ގޮތުގައި ބަހައިފައިވެއެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި ރަށްރަށުގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.

ރޯދަމަހު، ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ހަދިޔާ ކުރުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.