އުމުރުން 75 އަހަރުވާންދެން ދައުލަތުގެ ވަޒީފާގައި ދެމި ހުރުމުގެ ފުރުސަތު އޮންނަ ގޮތަށް "ރީ އެމްޕްލޯއިމަންޓްގެ ބިލު" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި މި ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ފަސް މެންބަރުން ކަަމަށްވާ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އާއި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސާލްއެވެ.
މިއީ ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް އުމުރުން 75 އަހަރާ ހަމައަށް މަސައްކަތް ކުރުމުގެ މަގުފަހިކޮށްދީ، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ ބިލެކެވެ.
އެހެންކަމުން ރީ އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލު ކުރެވޭނެ އުސޫލުތައް ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ބިލުގައި ބުނެފައިވަނީ ރީ އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުން އަންނަ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމި ތިބުމަށް އެދޭ މީހުންނަށް ކަމަށެވެ. މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތް އަހަރު ކުރިން ޕެންޝަން ހައްގުވުމުގެ އުމުރު ހަމަވެ، ވަޒީފާއިން ވަކިވެފައިވާ، ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާ ހަމަޖައްސައިދެވިދާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ނަމަވެސް އެ އުސޫލުން ވަޒީފާ ހަމަޖައްސަން ޖެހޭނީ އަހަރުން އަހަރަށް އާ ކުރަން ޖެހޭ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެ އުސޫލުގެ ދަށުން މުވައްޒަފު ކުރިން ހުރި މަގާމު ނުވަތަ އެހެން މަގާމަކަށްވެސް ހަމަޖެއްސިދާނެ ކަމަށް ބުނެފައިވެއެވެ.
ބިލުފައިވާ ގޮތުން ރި އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާދޭ ފަރާތްތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުގެ ތެރޭގައެވެ.
މި ބިލްގައި ބުނާ އުސޫލުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަނެއް ނުލިބުނު ނަމަވެސް ޕެންޝަނާ ބެހޭ ގާނޫނުން ލިބިދޭން ޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެ ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.
ބިލުގައިވާ ގޮތުން އުމުރުން 65 އަހަރު ވުމަށްފަހު ވެސް ވަޒީފާގައި ތިބެން ބޭނުންވާ މުވައްޒަފުން 65 އަހަރު ފުރުމުގެ ހަ މަސް ދުވަސް ކުރިން ރީ އެމްޕްލޯއިމަންޓަށް ހުށަހަޅަން ޖެހޭނެއެވެ.
ކުރިން ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ނަމަ، މި ބިލް ފާސްވެ ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް މަސް ދުވަހުގެ ތެރޭގައި ރީ އެމްޕްލޯއިމަންޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ.
ނަމަވެސް ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން އަދި ގާނޫނުއަސާސީ އާއި ގާނޫނެއްގެ ދަށުން އައްޔަން ކުރެވޭ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް މި ގާނޫނު ނުހިނގާނެއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް
މަސައްކަތުގެ ގަޑިއަށް ބަދަލު ނާދޭބާ؟ އުމުރުން ދުވަސްވުމުން ސިކުނޑީގަ ވަރުހުރެގެން މަސައްކަތް ކުރިޔަސް ހަށިގަށް ވަގުތުގެ ގޮތުން 8 ގަޑިއިރަށް ވުރެ ގަޑި ކުޑަވާނެބާ؟؟
ޠޫން - 6 މަސް ކުރިން