ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެ ކުށް ކުރާ ފަރާތްތަކަށް އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރްޒޫގެވެ.

މި ބިލް މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު މަރްޒޫގު ވިދާޅުވީ، ގާނޫނުލް އުގޫބާތައް މި އިސްލާހުތައް ހުށަހެޅުމުގެ ބޭނުމަކީ ވަގަށް ނަގާފައިވާ މުދާ ޓްރެފިކް ކުރުން ހުއްޓުވުމަށާއި ލޯންޑާ ކުރުންފަދަ އިތުރު ކުށްތައް ހުއްޓުވުން ކަމަށެވެ. މި އިސްލާހު ތަކުގެ ސަބަބުން ތަހުގީގު ކުރާ ފަރާތްތަކަށާއި ވައްކަމުގެ ސަބަބުން ހައްގުތައް ގެއްލޭ ފަރާތްތަކުުގެ ހައްގު ހޯދައިދޭން އިތުރަށް ފަސޭހަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ސައްހަ ލިއުމަށް ބަދަލު ގެނައުމާއި ކައުންޓާފީޓް ކުރުމާއި އަގުހުރި އެއްޗެސް ނަކަލުކޮށް އަގުހުރި އެއްޗެއްގެ ގޮތުގައި ދެއްކުމަށް ބަދަލު ގެނައުން ފަދަ ކަންކަމަށް ކުށްތައް ކަނޑައެޅިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބޮޑެތި ސްކޭމްތަކާއި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ ފަރާތްތަކަށް ހައްގު އަދަަބު ދިނުން މި ބިލުން އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އަޒާން ވިދާޅުވިއެވެ.

އޭގެ އިތުރުން ރޯދަމަހު ރޯދަ ނުހިފުމާއި އޫރުމަސް ކެއުމާއި ބަނގުރާ ބުއިމާއި ޖުވާކުޅުމަށް އަދަބު ކަނޑައަޅައި، ޖުވާ ކުޅުމާއި ޖުވާގެ ތެރޭގައި ނުހިމެނޭ ކަންތައްތައް މި ބިލުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބިލުގައިވާ ގޮތުން، ޖުވާ ކުޅުމާއި އެފަދަ ތަނެއް ހިންގުމުގެ ކުށުގެ ދަރަޖައަކީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައެވެ. މި ދަރަޖައިގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ކުށުގެ ބާވަތަށް ބަލައި ހަތަރު އަހަރާ ހަމައަށް އަދަބު ބޮޑުކުރެވޭ އިރު، އެންމެ ކުޑަ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

މި ބިލުގައިވާ ގޮތުން ޖުވާކުޅުމަކީ ވަކި މުބާރާތެއްގައި، ކުޅިވަރެއްގައި ނުވަތަ ވަކި ސްކީމެއްގައި އިލެކްޓްރޯނިކް ކޮށް ނުވަތަ ޖުވާކުޅުމުގެ އާލާތެއް މެދުވެރިކޮށް، ކުރިއަށް އޮތް ތަނުގައި ހިނގާނެ ވަކި ކަމެއްގެ މައްޗަށް ބިނާކޮށް، އެކަމުން ނުކުންނާނެ ނަތީޖާއެއް ލިބިގަތުމަށްޓަކައި އަތުގައި ހުރި އެއްޗެއް ދޫކޮށްލުމެވެ. މީގެ އިތުރުން، އޮންލައިންކޮށް ހިންގާ ޖުވާ ކުޅުމުގެ ވިޔަފާރި ވެސް މި އިސްލާހުގެ ދަށުން ކުށެއްގެ ގޮތުގައި ވަނީ ހިމަނައިފައެވެ.

ބިލުގައި ވާގޮތުން ބައެއް ކަންކަން ޖުވާގެ ތެރެއަކު ނުހިމެނެއެވެ.

އޭގެ ތެރޭގައި މުނިފޫހިފިލުވުމަށް ބާއްވާ މުބާރާތްތަކުން ލިބޭ އިނާމާއި އެއްވެސް އަގެއް ދިނުމަކާ ނުލައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޭ ފައިސާ ނުވަތަ އިނާމު ހިމެނެއެވެ. އަދި ކުޅިވަރުގެ ބޭނުމަށް ފަރުމާކޮށްފައިވާ މެޝިންތަކުން ލިބޭ ވަނަތަކާއި އެފަދަ ތަކެތި ރިޑީމްކުރުމަށް ބޭނުންކުރާ ޓޯކަން ފަދަ ތަކެތި ބޭނުންކުރުން ވެސް ޖުވާގެ ތެރެއަކުން ނުހިމެނެއެވެ.