ވިޔަފާރިވެރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުން އެދުނު ގޮތަށް، ރާއްޖޭގެ ވައިގެ ބަނދަރާއި މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާާޅުވެއްޖެއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް އޮޅުންފިލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ވިޔަފާރިވެރިންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ވިޔަފާރިވެރިންގެ ފަރާތުން ކަންބޮޑުވުންތަކެއް ހުށަހަޅައި އެކަންތަތައް އިސްލާހު ކުރެއްވުމަށް ސަރުކާރުން މަސައްކަތްކޮށް ދެއްވުމަށް ރައީސަށް ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، މިއަދު ފެށި "ތަރުޖަމާނާ އެކު" ޕޮޑްކާސްޓު ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑުގައި މިނިސްޓަރު ސައީދު ވަނީ އެކަމާގުޅިގެން ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކާބެހޭ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ.
މި ޕޮޑުކާސްޓްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ސައީދު ވިދާޅުވީ، ވިޔަފާރިވެރިން ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުގެ ގުޅުންހުރި އެކި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އޮފީސް އިސްވެ އިރުޝާދު ދެއްވި ކަމަށެވެ.
ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން، ވައިގެ ބަނދަރާއި މާލެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ހިދުމަތް ދޭ ގަޑި އިތުރުކޮށް މުދަލަށް ޑެމަރޭޖް ނާރާ ވަގުތު ތިން ދުވަހާއި ގަޑިއިރުތަކަކުން ފަސް ދުވަހާއި ގަޑިއިރުތަކަށް ބަދަލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާާޅުވިއެވެ.
މީގެ އިތުރުން އެކި އެކި ޕްރޮޖެކްޓްތައް ހިންގުމުން ސަރުކާރުން ފައިސާ ދޭންޖެހޭ ވިޔަފާރި ކުންފުނިތަކަށް އެކަމުގައި ހައްލު ހޯދުމަށް ފިނޭންސް މިނިސްޓްރީ އާއި މީރާ ގުޅިގެން މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. މިކަންކަމުގެ ފައިދާ ވިޔަފާރިތަކަށް ވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު