ސަރުކާރުން ކަނޑައަޅާ އަގެއްގައި ވިއްކާގޮތަށް 1000 ފުލެޓު ހެދުމަށް އަންނަ މަހު ހުޅުވާލުމަށް މަސައްކަތްކުރާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެންމެންނަށްވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

ފޯރުންތެރިކަން ހުރި އާއިލާތަކަށް ލަގްޒަރީ އެޕާޓްމަންޓް، ގެ އަދި އިމާރާތްކުރުމަށް ޕްރައިމް ލޮކޭޝަންތަކުން ގޯތި ގަތުމުގެ ފުރުސަތު ހޯދައިދިނުމަށް މިހާރު ވެސް ހުޅުމާލޭގައި އެފަދަ އެތައް ޕްރޮޖެކްޓެއް ކުރިއަށްގެންދާ ކަމަށާއި ހެޔޮ އަގުގައި އެޕާޓްމަންޓް ލިބޭނެ މަގުފަހިކޮށް، ބޭންކު މޯގޭޖުގެ ތެރެއިން އެޕާޓްމަންޓު ގަތުމުގެ ފުރުސަތު، ފަސްޓް ޓައިމް ހޯމް ބަޔާސްއަށް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތުގެ މައިގަނޑު އެއް ބައި ކަމަށެވެ.

"މިކަމަށް ބިން ކަނޑައެޅި ޑިވެލޮޕާ ފައިނޭންސްގެ ތެރެއިން އިމާރާތްކުރުމަށް އިރާދަކުރެއްވިއްޔާ މި ޖެނުއަރީ ތެރޭގައި ހުޅުވާލުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން. ބޭންކު މޯގޭޖު މެދުވެރިކޮށް އެޕާޓްމަންޓު ނުގަނެވޭ ފަދަ އާއިލާތަކަށް ސޯޝަލް ހައުސިން އިމާރާތްކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުގެ މައިގަނޑު އަނެއް ބައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޑިވެލޮޕާ ފައިނޭންސްގެ ދަށުން އަމިއްލަ ފައިސާގައި އިމާރާތްކޮށް، ސަރުކާރުން ބިން ހިލޭ ދިނުމުން އިމާރާތްކޮށްފައި ސަރުކާރުން ކަނޑައަޅާ ކޮންޓްރޯލު އަގެއްގައި ބޭންކުން މޯގޭޖު ލިބޭ ފަރާތްތަކަށް ވިއްކުމަށް ހާއްސަކޮށްގެން އެ މަޝްރޫއު ކުރިއަށްގެންދާނެ ކަމަށެވެ.

"މިހާރު މާކެޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓު ހަތަރު މިލިއަނަށް ހުރި ކަމަށްވަންޏާ، އަޅުގަނޑުމެން މި ގަބޫލުކުރަނީ އަޅުގަނޑުމެންނަށް އެ އަގު ކުޑަކޮށްލެވޭނެއޭ ގާތްގަނޑަކަށް 2.3 މިލިއަނާ ހަމައަށް. އެހެންވީމާ އެ ވަރުގައި ރައްޔިތުންނަށް ލިބޭނެ މަގުފަހިކޮށްދީފި ކަމުގައިވާ ނަމަ، ގަނެވޭނެ ވަރަށް ގިނަ އާއިލާތައް އެބަތިބި،" މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން ލުއިތަކެއްދީ، ބިން ދީގެން އެ ހަރަދު ކުޑަކޮށްފައި ޑިވަލޮޕަރުން އަމިއްލަ ފައިސާގައި ތަރައްގީކޮށްފައި، ސަރުކާރުން ކަނޑައަޅާ ފަރާތްތަކަށް ފަސްޓް ޓައިމް ހޯމް ބަޔާސްއަށް ލިބޭނެ ގޮތަށް ކަނޑައެޅިގެން ކަމަށާއި އެ އުސޫލުގެ ދަށުން ފުރަތަމަ ބުރުގެ ގޮތުގައި 1000 ޔުނިޓު ތަރައްގީކުރުމަށް ދިވެހި ޑިވެލޮޕަރުންނަށް ހާއްސަކޮށްފައިވާ ކަމަށެވެ.