ހާއްސަ އުސޫލެއްގެ ދަށުން ދެ ކޮޓަރި ލިބިފައިވާ މީހުންނަށްވެސް މި ސަރުކާރުން ހުޅުވާލާ ތިން ކޮޓަރީ ފުލެޓު ސްކީމަށް ކުރިމަތިލެވޭ ގޮތް ހަދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން ސަރުކާރުން ނިންމީ އެއް ކޮޓަރި ލިބިފައިވާ މީހުންނަށް ތިން ކޮޓަރީގެ ފްލެޓު ސްކީމަށް ކުރިމަތިލެވޭ ގޮތަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ބޯހިޔާވަހިކަމުގެ ހައްގުން އެއްވެސް ރައްޔިތަކު ބާކީ ނުކުރުން ކަމަށެވެ.
މިނިިސްޓަރު ވިދާޅުވީ، ސޯޝަލް ހައުސިންއިން މިހާރު އިއުލާނުކޮށްފައިވާ 7600 ޔުނިޓު އަދި މާލެ ސަރަހައްދުން ދޫކުރާ 1500 ގޯތި ދޫކުރަނީ އާއިލީ ބޯހިޔާވަހިކަމުގެ ގޮތުގައި ކަމަށެވެ.
އެގޮތުން އެ މީހެއްގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގެއެއް، ގޯއްޗެއް، ރޯ ހައުސެއް، ފްލެޓެއް އޮތް ފަރާތްތަކަށް މި ސްކީމަކަށް ކުރިމައްޗެއް ނުލެވޭނެ ކަމަށާއި އަދި އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމެއް އޮތް ފަރާތްތަކަށްވެސް ކުރިމަތި ނުލެވޭނެ ކަމަށެވެ.
"މީގެ ތެރެއިން ދެ ހާލަތެއް އިސްތިސްނާވޭ. އޭގެ ތެރެއިން އެއް ހާލަތަކީ މީގެ ކުރިން ރައީސް އިއުލާނުކޮށްފައިވާ ފަދައިން އެއް ކޮޓަރި ލިބިފައިވާ ފަރާތްތަކަށް އެއް ކޮޓަރި ދޫކޮށްލާފައި މި ސްކީމަށް ކުރިމަތިލެވޭނެ. އަދި ހަމައެއާއެކު މިހާރު ކަނޑައަޅާފައިވަނީ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު ހުރި ނަމަ އަދި އެ އާއިލާއަކަށް ދެ ކޮޓަރި ލިބިފައިވާ ނަމަ އެ ދެ ކޮޓަރީގެ އެޕާޓުމަންޓު ދޫކޮށްލާފައި ތިން ކޮޓަރީގެ އެޕާޓުމަންޓަށް ކުރިމަތިލެވޭ ގޮތަށް" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ބަދަލާއެކު މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އިއުލާނުކުރި އުސޫލަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
އެއާއެކު ފްލެޓުތަކާއި ގޯއްޗަށް ކުރިމަތިލާން އަންނަ މަހުގެ 15 ގައި ހުޅުވާލާނެ ކަމަށާއި އެކަމަށް ތިން މަސް ދުވަސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ