ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމަށް ކުރިއަށްއޮތް ދެ އަހަރު ހާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ވަނީ މިމަހުގެ 17 ވަނަ ދުވަހު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެ ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާއި ކަންބޮނޑުވުންތައް އަޑުއައްސަވައި، އެކަންކަން ހައްލުކުރަން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އެ މަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމާއި، ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކުރިއެރުވުމަށް ކުރަމުންދާ ކަންކަމުގެ ނަތީޖާ ރަނގަޅުކުރަން ކެބިނެޓުން މިދިޔަ ބުދަ ދުވަހު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.

"މިގޮތުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިއުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރު ގޮތުގައި ވަނީ ކަނޑައަޅާފައި. މީގެ ތެރެއިން ބައެއް ކަންކަން ޖެނުއަރީ 1، 2026 އިން ފެށިގެން ތަންފީޒު ކުރަން ފަށާނެ. މި ހުރިހާ ކަންކަމެއްގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިއުލާން ކުރަމުންދާނެ،" ރައީސް ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިގުލައިގެންދާ ނަމަ، ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް އުނިކުރެވޭނެ އުސޫލެއް ގާއިމު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވެފައިވަނީ މިހާރު ވެސް ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ޓެކްސްއިން އުނިކުރާ ކަމަށާއި ނަމަވެސް ފުޅާކޮށް އެކަން ނުކުރެވޭ ކަމަށެވެ.

"އެހެން ނަމަވެސް އެއަށްވުރެ ފުޅާކޮށް، ތަންކޮޅެއް ކޮމްޕްރިހެންސިވް ގޮތަކަށް، ވީހާވެސް ގިނަ ބަޔަަކަށް އެ އުސޫލެއްގެ ތެރެއިން އެކަން އެޕްލައިވާނެ ގޮތަކަށް، ތިޔަ ބޭފުޅުން ދައްކަން އޮތް އެއްޗެއް ސަރުކާރުން ދައްކަން އޮތް އެއްޗަކާ އަޅައިކެނޑޭނެ ގޮތެއް، ދެން އޭގައި ގާނޫނީ ގޮތުން ބަލަން އެއްވެސް ކަމެއް އޮތްތޯ ބެލުމާ އެކީގައި، މީރާ އާއި ފިނޭންސާ އެކީގައި އިށީނދެގެން އަޅުގަނޑުމެން ބަލައިދޭނަން،" ރައީސް ވިދާޅުވެފައިވެއެވެ.

އެފަހުން މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދެ އަހަރު ވިޔަފާރިވެރިންނަށް ފައިދާވާނެ އެތައް ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

އޭގެ ތަފުސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ، މީރާ، ކަސްޓަމްސް، ޕޯޓް، އެއާޕޯޓް، އަދިވެސް ވިޔަފާރިއާ ގުޅުންހުރި އެކިއެކި ފަރާތްތަކާ ވާހަކަދައްކައިގެން ވިޔަފާރިވެރިންނަށް ލުއިތައް ދެއްވާނެ ކަމަށެވެ. އަދި އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން 500 މިލިއަން ރުފިޔާގެ ލޯނު ދިނުމަށް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"މި ވޭތުވެދިޔަ ދެ އަހަރު، 595 ކުދި ވިޔަފާރިއަކަށް 349 މިލިޔަން ރުފިޔާގެ ކުދި ވަނީ ދޫކޮށްފައި މި ލޯނު ސްކީމުގެ ތެރޭގައި އަންހެނުންނަށް ހާއްސަ ލޯނާއި މެރިކަލްޗާ އާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ފިނޭންސް މިނިސްޓްރީން މިވީ ދެ އަހަރުގެ ތެރޭގައި އެކި ބިލްތަކަށް 13 ބިލިޔަން ރުފިޔާގެ ފައިސާ ދައްކާފައިވާ ކަމަށާއި އޭގެ ތެރެއިން ފަސް ބިލިއަން ރުފިޔާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބިލުތަކަށް ދައްކާފައިވާ ފައިސާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ، ކުދި ވިޔަފާރިތަކަށް ޓީޓީ ހެދުމަށްޓަކައި ބީއެމްއެލުން ދޭ ޑޮލަރުގެ ސަޕޯޓްވެސް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން 2500 އަށްވުރެ ދަށް އަދަދުތަކުގެ ބިލުތަކަށް 50 ޕަސަންޓާ ހަމައަށް އަދި 2500 އާއި، 5000 ދެމެދުގެ ބިލުތައް 30 ޕަސަންޓާ ހަމައަށް ޓީޓީ ހެދުމަށް ރަސްމީ ޑޮލަރު ރޭޓުގައި ދެމުން އަންނަ ކަމަށެވެ.