ދިމަހް ޕްރައިވެޓް ލިމިޓެޑަށް 3.3 މިލިޔަން ރުފިޔާ ދައްކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ދިމަހް ޕްރައިވެޓް ލިމިޓެޑް އާއި އާރުޑީސީ އާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ސްކިޑް ލޯޑަރަށް 2023 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 3.3 މިލިޔަން ރުފިޔާ ދައްކާފައިނުވާތީ، މި ފައިސާ ހޯދުމަށް އެދި ދިމަހްގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

މި މައްްސަލައިގައި އާރުޑީސީން ބުނެފައިގައި ވަނީ، އެ އަދަދަކީ ދިމަހްއަށް ދައްކަންޖެހޭ ފައިސާއެއް ކަމަށެވެ. ނަމަވެސް އާރުޑީސީން އެއްބަސް ނުވަނީ އެ ފައިސާ ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ދިމަހްއިން ބުނާ ފައިސާ ދައްކަން ކަމަށްވެސް ބުނެފައިވެއެވެ.

ޖޫރިމަނާގެ ފައިސާއަކީ އެއްވެސް އިރެއްގައި ދައްކަން އެއްބަސްވުމުގައި ވެސް ހިމެނޭ ފައިސާއެއް ނޫން ކަމަށް ވެސް އާރުޑީސީން ބުނެފައިވެއެވެ. އަދި ދިމަހްއަށް ދައްކަންޖެހޭ 3.3 މިލިޔަން ރުފިޔާ ނުދެއްކި ވަނީ އާރުޑީސީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެކަންތައްތަކަށް ބަލައި މިއަދުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ދިމަހް އަށް 3.3 މިލިޔަން ރުފިޔާ ދައްކަން އާރުޑީސީގެ މައްޗަށް ސިވިލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.