އެހީތެރިވާނެ މީހަކު ނެތި ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި އެޑްމިޓް ކުރާ "ބަލިމީހާ ދޫކޮށްލާފައި ބައިިތިއްބާ"ތީވެ، ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަން ފާހަގަ ކުރައްވައި، އެ މައްސަލައިގައި ކަމާ ބެހޭ މުއައްސަސާތަކުގެ ވެރިންނާ މަޖިލީހުން ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގެންފިއެވެ.
އެކަމަށް އެދި ވަޑައިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހޮސްޕިޓަލްތަކާއި ސިއްހީ ފަރުވާދޭ މަރުކަޒުތަކަށް ގެންދާ ދިވެހިންނާއި ބިދޭސީ ބައެއް ބަލިމީހުންނަށް އެހީތެރިވާން ނުވަތަ ބަލަހައްޓަން ބެލެނިވެރިއަކު ނުހުންނަ ކަމަށެވެ. އެގޮތަށް ބަލަހައްޓާނެ މީހަކު ނުހުންނަ މީހުންނަށް ނަރުހުންނާއި ވޯޑް އެޓެންޑެންޓުން އެހީތެރިވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތަށް ބެލެނިވެރިއަކު ނެތި ތިބޭ ބައެއް ބަލި މީހުންނަކީ ފާހާނާއަށް ވެސް އެކަނި ނުދެވޭ ހާލަތުގައި ތިބޭ މީހުން ކަމަށެވެ.
ހޮސްޕިޓަލްގައި ނުވަތަ ސިއްހީ މަރުކަޒުގައި އެޑްމިޓްކުރާ ބަލިމީހުންގެ އެހީތެރިން ނުތިބުމުގެ ސަބަބުން ކުރިމަތިވާ ބައެއް މައްސަލަތައް ސިޓީގައި ކުޑޫ ފާހަގަކުރައްވާފައި ވެއެވެ.
ސިޓީގައި ފާހަގަ ކުރައްވަ ކަންކަން:
- ސިޓީގައި ކުޑޫ ފާހަގަކުރެއްވި މައްސަލަތައް- 'އިމަޖެންސީ' ނުވަތަ 'ވޯޑް' ތަކުގައި ބަލިމީހުންނަށް އެހީތެރިވެދިނުމަށް ނުވަތަ ބެލެހެއްޓުމަށް ބެލެނިވެރިއަކު ނުހުރުން.
- - ބަލިމީހުންގެ ކަންކަމުގައި އެހީތެރިކަން ދޭން، ބެލެނިވެރި އަކު ނެތުމުން ނަރުހުންނާއި ވޯޑްގެ އެޓެންޑެންޓުން އެ މީހުންނަށް އެހީތެރިވާން ޖެހުން.
- - މިގޮތުން ފާހާނާއަށް އެކަނި ނުދެވޭ ހާލުގައި ގެންގޮސްދީ އެހީތެރިވެދިނުން، އަދި ކާންދިނުމުގައި ވެސް އެހީވާނެ އަދި ޒިންމާވާނެ މީހަކު ނެތުން
- - ބަލިމީހާ ހޮސްޕިޓަލުން ދޫކޮށްލުމަށް ފަހު ގެއަށް ގެންދިއުމާއި ހަވާލުވާނެ މީހަކު ނެތުމުގެ ސަބަބުން، ބަލިމީހުން ގިނަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްވެ ތިބެން ޖެހުން.
- - މިގޮތަށް ކަންތައް ވުމުން ހޮސްޕިޓަލްގެ އެނދު ހުސްނުވެ، އެޑްމިޓްވާން ޖެހޭ އެހެން މީހުންނަށް ޖާގަ ނުލިބުން.
- - ބަލިމީހާއަށް ފަރުވާ ދިނުމާ ގުޅޭގޮތުން ނިންމުންތައް ނިންމާނެ އާއިލީ ފަރާތެއް ނެތުމުގެ ސަބަބުން ފަރުވާ ލަސްވުން.
- - ބިދޭސީ ބަލިމީހުންނަށް 'ހެލްތު އިންޝިއުރެންސް' ސްކީމެއް ނެތުމުގެ ސަބަބުން، ވަގުތުން ދޭން ޖެހޭ އަދި ފުރާން ސަލާމަތް ކުރުމުގެ ފަރުވާ ދިނުން ލަސްވުމުގެ މައްސަލަތައް ކުރިމަތިވުން.
މީގެ އިތުރުން ވެސް ގިނަ މައްސަލަތަކެއް ފާހަގަކުރައްވައި އެ މައްސަލަތަކުގައި ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ ކަމާ ބެހޭ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ކުޑޫ ވަނީ މަޖިލިސް ރައީސްގެ ކިބައިން އެދި ވަޑައިގެންފައެވެެ.
އިބްރާހިމް ޒަކީ
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ