ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ އަހުލާގީ މިންގަނޑު ދަށް ކަމަށާއި އެކަމަށް ގަވާއިދު ބަދަލުކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގައި ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑު ދަށްކަމުގެ ވާހަކަ ރައްޔިތުން ވެސް ފާހަގަކުރަމުންދާ ކަމަށެވެ.

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ ބޭފުޅުންގެ ހެދުން އެޅުމުގެ މިންގަނޑުތައް، އަހުލާގީ މިންގަނޑު ނޫނިއްޔާ ސޯޝަލީ އެކްސެޕްޓަޑް މިންގަނޑަށްވުރެ ދަށްވެއްޖެ. ކުރީގައި ސިވިލް ސާވިސްގެ ގަވާއިދުގައި އޮތީ ވަރަށް ރަނގަޅު މިންގަނޑެއް. އެގޮތަށް އޮއްވައި ކޮންމެވެސް ސަބަބަކާ ހުރެ މިކަން ބަދަލުވެފަ މިހާރު މި އޮތީ. އަޅުގަނޑު މިހާރު ދަންނަވައިފިން ސިވިލް ސާވިސް ކޮމިޝަނަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސީއެސްސީގައި ދަންނަވާފައިވާނީ ކުރިން އޮތް ގަވާއިދާ އެއްގޮތަށް ސިވިލް ސާވިސް މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު ބަދަލުކޮށްދިނުމަށް ކަމަށާއި ކުރީގައި އޮތްގޮތަށް ގަވާއިދު ބަދަލުކޮށްފައި، ގެޒެޓްކޮށްގެން އަމަލުކުރަން ފެށުމަށް ދަންނަވާފައިވާނެ ކަމަށެވެ.

މިހާރުގެ ގަވާއިދަށްވުރެ ކުރިން އޮތް ގަވާއިދު މާ ރަނގަޅު ކަމަށާއި ސީއެސްސީން ގަވާއިދަށް އެ ބަދަލުތައް ގެންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.