އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައެޅުން ތަންފީޒުކުރުމާ ގުޅޭގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީއެސް) އިން ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެކަމަށްޓަކައި ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އިންފޮމޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު އަހުމަދެވެ. އަދި މީޑިއާ ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ހަމްދީ އަގީލްއެވެ.

މީޑިއާ ކޮމިޝަނުން ބުނީ އެ އެއްބަސްވުމުގެ މަގުސަދަކީ އަމިއްލަ މީޑިއާތަކަށް، މާލީ އެހީތެރިކަން ދިނުމުގެ ކަންކަން، ހަމަހަމަކަމާއެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށްގެންދިއުން ކަމަށެވެ.

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައެޅުން ތަންފީޒުކުރުމާ ގުޅޭގޮތުން މިއަހަރަށް ކަނޑައެޅިފައިވާ ފައިސާ މިއަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް ހަވާލުކުރުމުގެ މަސައްކަތްކުރުމުގެ ގޮތުން މީޑިއާތަކުގެ މަޝްވަރާއާއެކު އެކަމާގުޅޭ އުސޫލެއް އެކުލަވާލުމަށް މަސައްކަތްކުރަމުންދާ ކަމަށްް މީޑިއާ ކޮމިޝަނުން ބުންޏެވެ.

މީޑިއާ ކޮމިޝަނުން ބުނީ މީޑިއާތަކުން އުސޫލުގައި ހިމަނަން ފެންނަ ޕޮއިންޓުތައް ފޮނުވުން އަންނަ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް ފޮނުވުން އެދޭ ކަމަށެވެ. އަދި އުސޫލު ކަނޑައެޅުމަށްޓަކައި މީޑިއާގެ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00 ގައި ކުރިއަށްގެންދިއުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު، މިވަގުތު ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ވަނީ ހުޅުވާލައިފައެވެ.

މީޑިއާތަކަށް ފައިސާދިނުމުގެ ކަންކަން މީގެ ކުރިން ކޮށްފައިވަނީ ޔޫތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ފައިސާދޭނެ މީޑިއާތަކާއި ފައިސާދޭނެ އަދަދުތައް ކަނޑައެޅި ފަހުން ޝަކުވާތައް ބޮޑުވުމާ ގުޅިގެން އެ މަސައްކަތް ވަނީ މީޑިއާ ކޮމިޝަނާ ހަވާލުކޮށްފައެވެ.