ކުރިއަށްއޮތް ރަމަޟާން މަހުގެ ކުރިން، އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ބިލުތަކަށް ފައިސާ ދައްކައި ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ވިޔަފާރި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި މަސް ނިމެންވާއިރަށް ގިނަ ބިލުތަކަށް ފައިސާ ދައްކައި ނިންމައިލެވޭތޯ މަސައްކަތްކުރަމުންދާ ކަމަށެވެ.
"ދޭން ހުރި ފައިސާ ވެސް އިރާދަކުރެއްވިއްޔާ، މި ދެންނެވިހެން ފުދޭ ވަރަކަށް ގިނަ ފަރާތްތަކަކަށް މި މަސް ނިމޭއިރަށް، ބާކީ މިއޮތް 15 ދުވަސް ތެރޭގައި، ދެ ހަފުތާއެއްހާ ދުވަސް މިއޮތީ، އިރާދަކުރެއްވިއްޔާ މި ބަލަނީ ޕޭ ކޮށްލެވޭތޯ. އަދި ހަމައެއާއެކީގައި ޖެނުއަރީ މަސްތެރޭގައި ބާކީ އެމައުންޓް ވެސް ރޯދަމަހާ ހިސާބަށް ދާންވާއިރަށް ކުލިއާކޮށްލެވޭތޯ މި ބަލަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ދައްކަންޖެހޭ ބިލުތަކަށް ބަލާފައި، މީރާއަށް ވިޔަފާރިތަކުން ދައްކަން އޮތް ފައިސާއަށް ލުއިތަކެއް ގެނެސްދިނުމަކީ މިހާރު ވެސް ކޮންމެވެސް ވަރަކަށް ކުރަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް މިހާރަށްވުރެ އެކަން ފުޅާކޮށް، ގިނަ ވިޔަފާރިތަކަށް އެ ލުއިދެވޭނެ ގޮތެއް އޮތްތޯ ބައްލަވައިދެއްވާނެ ކަމަށެވެ.
"އޭގައި ގާނޫނީގޮތުން ބަލަން އޮތް ކަމެއް އޮތްތޯ ބެލުމާ އެކީގައި މީރާ އާއި ފިނޭންސްއާ އެކީގައި އިށީނދެގެން އަޅުގަނޑުމެން ބަލައިދޭނަން އެއަށްވެސް އެންމެ ރަނގަޅު ހައްލެއް ގެނެސްދޭން. ހަމަ ޔަގީނުން ވެސް ރަނގަޅު ހައްލެއް އަންނާނެ. މިތަނުގައި އަދަދު ނޫނީ މިވެނި ވަރެއް ނުދެންނެވުނު ނަމަވެސް، ޔަގީނުން ވެސް މިއަށް ހައްލެއް އަންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އަމިއްލަ ވިޔަފާރިތަކަށް ވެއާހައުސްގެ ގޮތުގައި ބޭނުންކުރުމަށް ކުޑަ އަގެއްގައި ބިން ލިބޭނެ ފުރުސަތު ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ވިޔަފާރިވެރިން ފާހަގަކުރި ކޮންމެ ކަމަކަށް ވެސް ރަނގަޅު ހައްލެއް ގެނެސްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ބިލުތަކަށް ފައިސާ ދެއްކުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުއެވެ. އެ ބިލުތަކުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރުވާފައިވާ މަސައްކަތްތަކުގެ ގިނަ އަދަދެއްގެ ބިލުތައް ހިމެނޭ ކަމަށް ވެސް ސަރުކާރުން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު