ޑެމަރޭޖް ނުވެ މުދާ ބެހެއްޓޭ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ދިގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ބައެއް ވިޔަފާރިވެރިން ވަނީ ވައިގެ މަގުން ރާއްޖެއަށް ގެންނަ މުދާ ކްލިއާކުރުން ލަސްވުމުގެ ސަބަބުން ޑެމަރޭޖަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމުގެ ޝަކުވާ ކޮށްފައެވެ.

އެކަމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކަމާބެހޭ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށް އެއާކާގޯ ޑެމަރޭޖް ނުވެ ބެހެއްޓޭ ވަގުތު އިތުރުކުރަން ނިންމަވާފައިވާ ކަމަށެވެ.

"އެމްއޭސީއެލްގެ ފަރާތުން އަޅުގަނޑު ހަމަ މިކަމުގައި އުޅުއްވާ ބޭފުޅުންނާ މިތަނުގައި މަޝްވަރާކޮށްލާފައި އަޅުގަނޑުމެން މިތަނުގައި އެ ބޭފުޅުން، މި 80 ގަޑިއިރު 124 ގަޑިއިރަށް ޑެމަރޭޖް ނާރާ ވަގުތު އިތުރުކޮށްދޭނެ އިރާދަކުރެއްވިއްޔާ، 80 ގަޑިއިރުން 124 ގަޑިއިރަށް،" ރައީސް ވިދާޅުވިއެވެ.

މުދާ ކްލިއާކުރުން އަވަސްކުރުމަށް ކޮށްދެވެން ހުރި ކަންކަން ކޮށްދިނުމަށް އެދި ބައެއް ވިޔަފާރިވެރިން އެދިފައިވާތީ، އެކަމަށް ވެސް ރައީސް ވަނީ މިރޭ ހައްލެއް ހޯއްދަވައިދެއްވައިފައެވެ.

އެގޮތުން ކަސްޓަމްސް އިން ކުލިއަރެންސް މަސައްކަތް ކުރަނީ 18 ގަޑިއިރަށް ކަމަށާއި އެކަން 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.