ވިޔަފާރިތަކަށް ވެއާހައުސްގެ ގޮތުގައި ބޭނުންކުރުމަށް ކުޑަ އަގެއްގައި ބިން ލިބޭނެ ފުރުސަތު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ވިޔަފާރިތަކަށް ވެއާހައުސްތަކާއި އެކިއެކި ބޭނުންތަކަށް ކުއްޔަށް ތަންތަން ނުލިބޭ ވާހަކައަކީ އާންމުކޮށް އޮންނަ ކަންބޮޑުވުމެއް ކަމަށެވެ.
އެކަމުގައި ހައްލެއް ހޯއްދަވައިދެއްވުމަށް އެޗްޑީސީ އާއި އެމްޕީއެލް ނުވަތަ އެއްވެސް ކުންފުންޏަކުން ހުޅުމާލެ އާއި ތިލަފުށީގައި ބިމެއް އޮތްތޯ ބައްލަވައިދެއްވާނެ ކަމަށާއި މިހާރު ވެސް އެޗްޑީސީން ގުދަންތައް ކުއްޔަށް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ތިބޭފުޅުންނަށް ކުޑަ އަގެއްގައި ބިން ކުއްޔަށް ނެގޭނެ ގޮތް އިރާދަކުރެއްވިއްޔާ ބަލާނަން ކޮން ކަހަލަ ހަމަތަކަކުންތޯ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި މި ފުރުސަތު ވެސް ހަގީގީ މާނައިގައި ލުއިގޮތެއްގައި ކުއްޔަށް، ރެންޓަލް ގޮތުގައި ކުއްޔަށް ކުޑަ އަގެއްގައި ބިންތައް ލިބޭނެ ގޮތެއް. އެކި ބޭނުންތަކުގައި ބިން ހޯދޭނެ ގޮތެއް ހޯދުމަށް މަސައްކަތްކޮށްދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބިންތައް އެގޮތަށް ކުއްޔަށް ލިބޭނެ ގޮތަށް ފުރުސަތުދިނުމަށްޓަކައި ކުރެވޭނެ ކަންކަން ސަރުކާރުން ބަލައިދޭނެ ކަމަށެވެ. އަދި ވިޔަފާރިވެރިން ފާހަގަކުރި ކޮންމެ ކަމަކަށް ވެސް ރަނގަޅު ހައްލެއް ގެނެސްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު