ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށް މިރޭ 11:45 އިން ފެށިގެން މަސައްކަތް ނިމެންދެން ބްރިޖްގެ އުތުރު ފަރާތު ލޭނު ބަންދުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ މަރާމާތު މަސައްކަތް ނިމެންދެން ބްރިޖުގެ އެ ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް އަދިވެސް ބަލަހައްޓަމުންދަނީ ބްރިޖުގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ.

ސިނަމާލެ ބުރިޖު ބޭނުންކުރަން ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 30 އޮގަސްޓު 2018 ގައެވެ.

ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ސިނަމާލެ ބުރިޖަށް ހަރަދުވި އިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީއެވެ. އެ ގައުމުން ލޯނެއްގެ ގޮތުގައި 72 މިލިއަން ޑޮލަރު ދިން އިރު، ދިވެހި ސަރުކާރުން އެ މަޝްރޫއަށް ހަރަދުކުރީ 12 މިލިއަން ޑޮލަރެވެ.