މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ހިފުމުގެ ދެ ދައުވާ ސާބިތުވުމުން، ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް، ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން މާނުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމް އިއްވާފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 29 ވަނަ ދުވަހުގައެވެ. އެ ހުކުމް މާނުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. އެ މައްސަލަ އަދި އޮތީ "ހުށަހެޅިފައި" މަރުހަލާގައެވެ.

މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާކޮށްފައިވަނީ ގޭހުގެ އެމްޑީގެ މަގާމުގައި މާނު ހުންނެވި އިރު، އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38 (3.1 މިލިއަން) ރުފިޔާ ނެގި ކަމަށް ތުހުމަތުވާ މައްސަލައެއްގައެވެ.

އެ މައްސަލައިގައި މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.

އަދި އެ މައްސަލައިގައި ހިމެނޭ 3,106,189 ރުފިޔާ އަނބުރާ ހޯދުމަށްވެސް ނިންމައިފައިވެއެވެ.