މަސްވެރިކަމުގެ ސިނާއަތަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ސިނާއަތަކަށް ހަދަން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. ދުވާފަރުގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު އެންމެ ދެކެން ބޭނުންފުޅުވަނީ މަސްވެރިކަމުގެ ސިނާއަތަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ސިނާއަތަކަށް އަނެއްކާވެސްވުމަށް ކަމަށާއި މިހާރު ފެންނަނީ މަޖުބޫރީ ހާލަތަކުން ދޯނިތަކަށް ބޭރު މީހުން އަރުވާ ތަން ކަމަށެވެ.
"އެހެންވެ މި ހާލަތުން އަރައިގަނެ އަނެއްކާވެސް ހަމައެކަނި ދިވެހިން މަސައްކަތްކުރާ ސިނާއަތަކަށް، ދޯނިތަކުގައި މަސައްކަތްކުރަނީ ހަމައެކަނި ދިވެހިންނަށް ވުމަކީ އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަސް. އެކަމަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ އެގޮތަށް އެކަން ހާސިލުކުރެވޭ ގޮތަށް. އެކަމަށްޓަކައި ހިތްވަރުދިނުމަށްޓަކައި، މަގުފަހިކުރުމަށްޓަކައިވެސް އަޅުގަނޑުމެން އެކި ކަންކަން ތައާރަފުކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމަށްޓަކައި ސަރުކާރުން ގައުމީ ފެންވަރުގައި ދޭ އިނާމުތައް ދިނުމުގައި ސަމާލުކަން ދޭނެ ކަމަށާއި މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުންނަށް ނެރުމަށް ހިތްވަރުދިނުމުގެ އެކި ކަންކަން ތައާރަފުކުރަމުންގެންދާނެ ކަމަށެވެ.
"ގައުމީ ފެންވަރުގެ ދެވޭ އިނާމުތަކާއި އަދި މިފަދަ މުހިންމު ކަންކަމުގައި އެންމެ މަތީ ފެންވަރުގައި މި ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި އިނާމުތައް ދިނުމުގެ ތެރޭގައި އަޅުގަނޑުމެން ކުރިއަށް މިއޮތްތާނގައި ޒުވާނުންނަށް ހާއްސަކޮށް އަދި ޖުމުލަކޮށް ދިވެހިން އަނބުރާ މަސްވެރިކަމުގެ ސިނާއަތަށް، މަސްދޯނިތަކުގަ މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުމަށްޓަކައި ކުރެވޭނެ ހުރިހާ ކަމަކަށް ހިތްވަރު ދިނުމަށްޓަކައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް މިހާރު ދިމާވެފައި އޮތް ހާލަތުން އަރައިގަނެވޭނެ ކަހަލަ ގޮތަކަށް ކަންކަން ބައްޓަންވެގެންދާން ބޭނުންފުޅުވާ ކަމަށާއި ސަރުކާރުގެ ސިިޔާސަތުތަކާއި މަސައްކަތްތަކުން އެކަން ހާސިލުކުރެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް