އާންމު އިންވެސްޓުމެންޓުތަކާއި ޓެކްސް ނޫން އާމްދަނީ އިތުރުވުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސުން މިއަދު އާންމުކުރި މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެކުލަވާލައިފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް ރިޕޯޓުގައިވާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖީއެސްޓީ އާއި ބިމުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީ ވަނީ އިތުރުވެފައެވެ.

އަދި މާލީ އާންމު އިންވެސްޓްމަންޓްތަކާއި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ އިތުރުވުމުގެ ސަބަބުންނާއި ހަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާ ކަމަށް އެ ރިޕޯޓުން ދައްކައެވެ.

އެ ރިޕޯޓުގެ ތަފާސްހިސާބުގައި ބަޔާންކޮށްފައިވާ ގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 35.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.3 ބިލިއަން ރުފިޔާއާ އަޅައި ބަލާ އިރު، 10.6 ޕަސަންޓުގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުގައި ބަޔާންކޮށްފައިވެއެވެ.

ހަމަ އެ މުއްދަތުގައި، ޖުމްލަ ހަރަދު 12.5 ޕަސަންޓު ކުޑަވެ، މިދިޔަ އަހަރުގެ 42.8 ބިލިއަން ރުފިޔާއިން 37.4 ބިލިއަން ރުފިޔާއަށް ދަށްވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

ނަތީޖާއެއްގެ ގޮތުން، ޖުމްލަ ޑެފިސިޓް މިދިޔަ އަހަރުގެ 10.4 ބިލިއަން ރުފިޔާއިން މިއަހަރު 1.7 ބިލިއަން ރުފިޔާއަށް ކުޑަވެފައިވާކަން ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ. މިއީ 84.1 ޕަސަންޓުގެ ކުޑަވުމެކެވެ.

ޓެކްސް އާމްދަނީ 9.3 ޕަސަންޓު އިތުރުވެ، 26.8 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އޭގެ މައިގަނޑު ސަބަބަކީ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެފައިވުން ކަމަށް ތަފާސްހިސާބުގައިވެއެވެ.

ޖުމްލަ ޖީއެސްޓީގެ އާމްދަނީ 11.9 ޕަސަންޓު އިތުރުވެ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 13.2 ބިލިއަން ރުފިޔާއިން 14.8 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސްހިސާބުގައިވެއެވެ. މީގެ ތެރެއިން، ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) 13.9 ޕަސަންޓަށް އިތުރުވެ، 8.6 ބިލިއަން ރުފިޔާއިން 9.8 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ޖުމްލަ ޖީއެސްޓީގެ ތިންބައިކުޅަ ދެބައި ހިއްސާ ކުރަނީ ޓީޖީއެސްޓީން ކަމަށް ތަފާސްހިސާބުން ދައްކައެވެ.

މިއީ މިއަހަރުގެ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީގެ ރޭޓު 16 ޕަސަންޓުން 17 ޕަސަންޓަށް މަތިކުރުމުންނާއި ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތައް ފުޅާވެފައިވާތީ ލިބިފައިވާ ކުރިއެރުމެއްކަން ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ.

ޖެނެރަލް ޖީއެސްޓީ 8.2 ޕަސަންޓަށް އިތުރުވެ، 4.6 ބިލިއަން ރުފިޔާއިން 5.0 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ޓެކްސް ނޫން އާމްދަނީ 19.7 ޕަސަންޓް އިތުރުވެ، މިދިޔަ އަހަރު ހުރި 7.3 ބިލިއަން ރުފިޔާއިން 8.7 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

ތަފާސްހިސާބުގައިވާ ގޮތުން އެ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ހަރުމުދަލުގެ އާމްދަނީ އިތުރުވެފައިވުމެވެ. ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީ ނުވަތަ ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ 27.7 ޕަސަންޓަށް އިތުރުވެ، މިދިޔަ އަހަރުގެ 437.2 މިލިއަން ރުފިޔާއިން މިއަހަރު 558.3 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސްހިސާބުގައިވެއެވެެ.

މީގެ އިތުރުން، އެއާޕޯޓް ތަރައްގީކުރުމަށް ނެގޭ ފީ އިން ލިބިފައިވާ އާމްދަނީ މިދިޔަ އަހަރާ އަޅައި ބަލާއިރު، 64.3 ޕަސަންޓް އިތުރުވެ، 1.8 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މި ފީގެ ގޮތުގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ ރައްކާ ކުރަނީ ދަރަނި އަދާކުރުމަށް އުފައްދާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައެވެ.

ތަފާސްހިސާބުގައި ފާހަގަކޮށްފައިވާ ގޮތުން މިދިޔަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ތަންފީޒު ކުރަން ފެށި ސަރުކާރުގެ ޕޭ ހާމަނައިޒް ކުރުމުގެ ސިޔާސަތުގެ އަސަރު ރިކަރަންޓް ހަރަދުގެ ބައިން ފެންނަން ފަށާފައިވެއެވެ. ޖުމްލަ މުސާރަ އާއި އުޖޫރަ އާއި ޕެންޝަން 7.1 ޕަސަންޓަށް އިތުރުވެ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 12.5 ބިލިއަން ރުފިޔާއިން 13.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސްހިސާބުގައިވެއެވެ.

މުވައްޒަފުންނާ ގުޅުންހުރި ހަރަދުތައް އިތުރުވެފައިވީ ނަމަވެސް، ބަޖެޓްގެ ޖުމްލަ ހަރަދު މިދިޔަ އަހަރަށްވުރެ ދަށްކޮށް ހުރި ކަމަށް ތަފާސްހިސާބުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މިއަހަރުގެ އަހަރުގެ މިހާތަނަށް ލޯނު އަނބުރާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު، ދެ ގުނައަށްވުރެ އިތުރުވެފައިވެއެވެ. އެގޮތުން، 118.9 ޕަސަންޓް އިތުރުވެ، މިދިޔަ އަހަރުގެ 2.3 ބިލިއަން ރުފިޔާއިން 5.0 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސްހިސާބުގައިވެެެއެވެ.

މީގެ ތެރޭގައި، ފާއިތުވި ހަފުތާއާ އަޅައި ބަލާއިރު، ރާއްޖޭގެ މާލީ ބާޒާރުގައި އިޝޫކޮށްފައި ހުރި ދަރަނި އަނބުރާ ދެއްކުމަށް 422.1 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ހަރަދުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާ ކަމަށް ތަފާސްހިސާގައިވެއެވެ.

ޖުމްލަ ޕީއެސްއައިޕީ ހަރަދުތައް 7.2 ބިލިއަން ރުފިޔާގައި ހުރި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ހަރަދު ހުރީ 10.2 ބިލިއަން ރުފިޔާގައެވެ.

ސިއްހީ ދާއިރާގައި ޕީއެސްއައިޕީ ހަރަދުތައް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 2.9 ޕަސަންޓް އިތުރުވެ، މިދިޔަ އަހަރުގެ 111.5 މިލިއަން ރުފިޔާއިން މިއަހަރު 432.3 މިލިއަން ރުފިޔާއަށް އަރައިފައެވެ. އެއާއެކު، ދަތުރުފަތުރުގެ ދާއިރާގައި ޕީއެސްއައިޕީ އިންވެސްޓްމަންޓްތައް ހުރީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅައި ބަލާއިރު، ދާދި އެއް މިންވަރެއްގައި ކަމަށް ތަފާސްހިސާބުގައި ބަޔާންކޮށްފައިވެއެވެ.

އެ ހަރަދުތަކުގެ އިތުރުން، އެސްޑީއެފްއަށް ޖަމާކުރި ފައިސާ ވެސް ވަނީ އިތުރުވެފައެވެ. އެސްޑީއެފް އަށް ޖަމާކުރި ޖުމްލަ ފައިސާ 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، މިއީ މިދިޔަ އަހަރުގެ އެމުއްދަތުގައި ހުރި 1.3 ބިލިއަން ރުފިޔާއަށް ވުރެ 87.9 ޕަސަންޓް އިތުރު އަދަދެއް ކަމަށް ތަފާސްހިސާބުގައިވެއެވެ