ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ދަފްތަރު ނަންބަރު ރސ 6886، އަހްމަދު ޝަކީބު އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީ) މިއަދު ބުނީ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ޝަކީބު އައްޔަނުކޮށްފައިވާ ކަމަށެވެ.
ޝަކީބަކީ ޕީއެސްއެމްގެ ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ބޭފުޅެކެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީބް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ނަސްރީން މިދިޔަ ނޮވެމްބަރު 29 ގައި އިސްތިއުފާދެއްވުމުންނެވެ. ޝަކީބަކީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރެއްވި ހަތަރުވަނަ ބޭފުޅާއެވެ.
އެންމެފަހުން ޝަކީބް މީޑިއާއިން ފެނިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ޕޮޑްކާސްޓް ހުށަހަޅައިދެއްވަމުން ގެންދަވަނިކޮށެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަކީބު އައްޔަންކުރައްވާފައިވަނީ، ރައީސް އޮފީހުގެ ޑިރެކްޓަރު ޖެނެރަލް މަގާމުގައި އަދާކުރައްވަމުންގެންދަވަނިކޮށެވެ.
ޝަކީބް ވަނީ ޓީވީއެމްގެ "ތިޔަބޭފުޅުންގެ ފުރުސަތު"، "އެހާރާއި މިހާރު"، "އެ ހަނދާނުގައި"، "ހޭޔަންބޯ"ގެ އިތުރުން "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ފަދަ ބޮޑެތި ޓީވީ ޝޯތައް ހުށަހަޅުއްވައި ދެއްވައިފައެވެ.
ޝަކީބް ވަނީ މީގެ ކުރިން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އާއި ނޭޝަނަލް އިސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ޑިރެކްޓާ ޖެނެރަލްކަންވެސް ކުރެއްވިއެވެ. ތައުލީމީ ދާއިރާގައި ވެސް 35 އަހަރަށްވުރު ގިނަ ދުވަހު ހިދުމަތްކުރެއްވި ޝަކީބް އެ ހިދުމަތުން ރިޓަޔާކުރައްވާފައިވަނީ މިދިޔަ އަހަރުއެވެ.
އިބްރާހިމް ޒަކީ
ޕީއެސްއެމް
ޕީއެސްއެމް