ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހު އަންނަ މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާނު ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިހާރު ދެ ޑްރެޖަރާއެކު ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި ހިއްކައި ނިމުނުހާ އަވަހަށް އެތަނުން ގޯތި ލިބުނު ފަރާތްތަކާ ގޯތިތައް ހަވާލުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

ފޭސް ތިނެއް ވެސް މިދެންނެވިހެން ހިއްކައި ނިމުނީމަ ހަމަ ވީހާ އަވަހަކަށް އަޅުގަނޑުމެން ޖެނުއަރީ މަސްތެރޭގައި އިރާދުކުރެއްވިއްޔާ ފަށާނަން ބިންތައް ހަވާލުކޮށް، ގޯތިތައް ހަވާލުކުރަން. ދެން އެތަނުގެ ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކުން އެ ކުރިއަށްގެންދަނީ. ހަމަ އެއްވެސް ފަރާތެއްގެ އަތުން ގޯއްޗެއް އަތުނުލާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފޭސް ތިނެއް ހިއްކައި ނިމުމާއެކު އަންނަ މަހުގެ ތެރޭގައި ގިރާވަރުފަޅު ހިއްކުމަށް ދެ ޑްރެޖަރު ދާނެ ކަމަށާއި އެ މަސައްކަތް ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ. އަދި ގިރާވަރުފަޅު ހިއްކައި ނިމުނުހާ އަވަހަށް އެތަނުން ގޯތި ލިބުނު މީހުންނަށް ވެސް ގޯތިތައް ހަވާލުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ގޯތިތައް ހަވާލުކުރުމުގެ މަސައްކަތާއެކު އެތަންތަނުގައި ޔޫޓިލިޓީސްގެ މަސައްކަތްތައް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި ހިއްކަން ޖެހިފައިވާ ތަންތަނުގެ ތެރެއިން ކުރީ ސަރުކާރުން ގިރާވަރުފަޅުން ހިއްކާފައިވަނީ ވަރަށް ކުޑަ ތަންކޮޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.