ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރާއްޖޭގެ ޒަކާތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ފާސްކުރި މި ގާނޫނުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ، ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގައިވާގޮތުން ގާނޫނަށް އަަމަލުކުރަން ފެށުމުން ރާއްޖޭގައި ޒަކާތް ނެގުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާއި ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ޒަކާތާ ގުޅޭގޮތުން އެއިރެއްގައި ހުންނަވާ އިސްލާމިކް މިނިސްޓަރުގެ މަސްއޫލިއްޔަތުތައްވެސް މި ބިލުގައިވަނީ ކަނޑައަޅައިފައެވެ.

އެގޮތުން މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތާ ގުޅޭ ސިޔާސަތުތައް އާންމުކޮށް، އެ ސިޔާސަތުތަކާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އާންމު އިރުޝާދާއި ލަފާދިނުން ހިމެނެއެވެ.

މި ގާނޫނު ބުނާގޮތުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި މިނިސްޓަރަށާއި، ޒަކާތު ހައުސްއަށް ލަފާދިނުމަށާއި، އެ ނިޒާމުގެ ހިންގުން ވިލަރެސް ކުރުމަށްޓަކައި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ވާނެއެވެ. މި ކައުންސިލްގައި މިނިސްޓަރާއި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް އާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތުން ޖުމުލަ ނުވަ މެންބަރުން ތިއްބަވާނެއެވެ.

އެއާއެކު މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެއެވެ. މި އިދާރާ ހިނގަމުންދާނީ، މިނިސްޓްރީގެ ދަށުންނެވެ.

ޒަކާތުގެ ބިލުގައި ޒަކާތު ހައުސްގެ ޒިންމާތަކާއި، މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވެއެވެ. އެގޮތުން ޒަކާތް ނެގުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާ ގުޅޭ އެންމެހައި އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމާއި، ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުތައް އެކަލަވާލައި އަދާހަމަކޮށް ބެލެހެއްޓުން ހިމެނެއެވެ. އަދި ޒަކާތް ނެގުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުރާން ޖެހޭ އެންމެހައި ކަމެއް ކުރުމަކީވެސް ޒަކާތު ހައުސްގެ މަސްއޫލިއްޔަތެކެވެ.

މީގެ އިތުރުން ޒަކާތާ ބެހޭ ޝަރުއީ އެޑްވައިޒަރީ ކޮމިޓީއެއްވެސް އުފެދޭނެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުއީ ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށް ބިލުގައި ބުނެއެވެ.

ޒަކާތުގެ ބިލުގައި ފިތުރު ޒަކާތާއި، މުދަލު ޒަކާތް ދެއްކުން ލާޒިމުވުމުގެ ޝަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ ގޮތުގެ މަތިން ޒަކާތް ދައްކަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޒަކާތުގެ ނިސާބު ކަނޑައަޅަން ޖެހޭ ގޮތްތަކާއި، ޒަކާތް ދައްކާ މީހާގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކާއި، ޒަކާތް ލިބޭ މީހުންނަކީ ކޮބައިކަންވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް، އަދި އެ ފައިސާއިން އިސްލާމީ ޝަރީއާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށްޓަކައި "ޒަކާތު ފަންޑު" ގެ ނަމުގައި ފަންޑެއް އުފެދުނީކަމަށް ބަޔާންކޮށްފައިވެއެވެ. މި ފަންޑު ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، ޕަބްލިކް ބޭންކް އެކައުންޓާ ވަކިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ގާއިމުކުރެވޭ ވަކި އެކައުންޓެއްގައެވެ. ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއެކު ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިއުކުރައްވައިފައެވެ. ނަަމަވެސް މި ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.