ތޫފާނުގެ ސަބަބުން ސްރީލަންކާއިން ބޭރުގެ އެހީއަށް އެދިއްޖެއެވެ.

ސްރީލަންކާއަށް ''ތޫފާން ދިތްވާ'' އަރާފައިވާއިރު އެތޫފާނުގެ ސަބަބުން އެގައުމަށް ދަނީ އެކި ގޮތްގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

ތޫފާނުގެ ސަބަބުން ލިބެމުން އަންނަ ގެއްލުންތަކުން އަރައިގަތުމަށް ލަންކާއިން ބޭރުގެ އެހީ ހޯދަން ފަށާފައިވާއިރު އެގައުމުން ވަނީ އެކަމާ ގުޅޭ ހާއްސަ ބަޔާނެއް ނެރެފައެވެ.

އެބަޔާނުގައި ވާގޮތުން ބޭރު ގައުމުތަކުގައި ދިރިއުޅޭ ލަންކާގެ ފަރާތްތަކާއި ބޭރު ގައުމުތަކުން އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެދިފައެވެ. އެގޮތުން ރުޕީސް އެކައުންޓަކާއި ޑޮލަރު އެކަންއުންޓެއް ހާއްސަކޮށް ހުޅުވާފައިވާއިރު ލަންކާގެ ޑިޕްލޮމެޓިކް މިޝަންތަކާއި ބޭރުގެ މިޝަންތަކަށް ވަނީ ފޮނުވާފައެވެ.

ތޫފާނުގައި ލަންކާއަށް ކުރިން ލިބޭނެކަމަށް ލަފާކުރެވިފައިވާ ވަރަށްވުރެ ބޮޑެތި ގެއްލުން ވަމުން އަންނަކަމަށް އޮފިޝަލުން ބުނެއެވެ.

ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އެތޫފާނުގެ ސަބަބުން އެގައުމުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވާނެ ކަމަށާއި ވައިގަދަވުމުގެ ސަބަބުން ގިނަ ހާދިސާތަކެއް ހިނގާނެ ކަމަށް ބެލެވޭތީ އާންމުން ސަމާލުވުމަށް ގޮވާލާފައެވެ.

ލަންކާގެ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ލިބެމުންދާ ގެއްލުންތައް ބަލައި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތައް އެހީތެރިކަން ދިނުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.