ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުގެ މަޖެޓުން ކުރާ ހަރަދު ކަނޑާލަން، ރައީސުލްޖުމްހޫރއިްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ފޮނުވައިފިއެެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލްގެ ފުރަތަމަ ކިއުންވަނީ އިއްވައިފައެވެ.
ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ކުރާ ހަރަދުގެ ގޮތިގައި ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ 175،000 ރުފިޔާ ގެ ފައިސާގެ އިނާޔަތާއި އެކަމާ ގުޅޭ އެހެން ކަންކަން ވެސް ކަނޑާލައި އެ ބޭފުޅުން ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާ ގޮތަށް ކަނޑައަޅަންވެސް މި ބިލްގައި ހިމަނާފައިވެއެވެ.
ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހަޅަން ހަމަޖެހިފައިވާ މި ބިލްގައި ވާގޮތުން ކުރީގެ ރައީސަކު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އަދި ދައުލަތުގެ އެ ނޫން މަގާމެއް ވެސް އަދާކުރައްވާ ނަމަ އެ މުއްދަތަށް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ބޭފުޅުން މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރެއްވުމަށްޓަކައި ބޭނުންފުޅުވެއްޖެ ހާލަތެއްގައި މަސައްކަތް ކުރައްވާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 175،000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައި އެ މާއްދާ އުވާލަން ވަނީ ހުށަހަޅައިފައެވެ. އެހެންވެ، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކުރަންޖެހޭ ހުރިހާ ހަރަދެއް އެ އިސްލާހު ފާސްވެއްޖެ ނަމަ އުވޭނެއެވެ.
ކުރީގެ ރައީސަކު ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ނަމަވެސް ހިމާޔަތާއި ރައްކާތެރިކަން ދިނުން ލާޒިމް ނޫން ކަަމަށް އިސްލާހުގައި ވެ އެވެ. އެކަމަކު އެ ބޭފުޅަކު ރާއްޖެ ވަޑައިގެންފި ނަމަ ހިމާޔަތާއި ރައްކާތެރިކަން ދޭން ވާނެ ކަމަށް ބިލްގައި ބަޔާންކޮށްފައި ވެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކުރައްވާފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50،000 ރުފިޔާ ދައުލަތުން ދޭން ވާނެ ކަމަށެވެ. އަދި އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާކުރައްވާފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75,000 ދައުލަތުން ދޭން ވާނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާނެ ތަނަކަށް ހިނގާ ހުރިހާ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށް ގާނޫނުގައި ވެ އެވެ.
އިބްރާހިމް ޒަކީ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު