ރާއްޖޭގައި ބޭސް ލިބުން ދަތިވެފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މި މައްސަލައިގައި ބުނެފައިވަނީ، އާންމު ރައްޔިތުންނަށް ބޭސް ލިބުން ދަތިވެ، އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލައިގައި ވަނީ ރާއްޖެއިން ޑޮކްޓަރީ ބޭސް ލިބުން ދަތިވެފައިވާކަމުގެ ޝަކުވާ ރައްޔިތުން ކެނޑިނޭޅި ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން އާސަންދައިން ލިބުނު ބޭސްތައް އެ ސްކީމުގެ ދަށުން ދިނުން ހުއްޓާލުމުން، އެ ބޭސްތައް ފާމަސީތަކުން ގަންނަން ލިބުނު ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް މިހާރު ބޮޑު އަގުގައި ވެސް އެ ބޭސް ގަންނަން ނުލިބޭކަން ރައްޔިތުން ފާހަގަ ކުރާ ކަމަށްވެސް ބުނެފައިވެއެވެ.
އެތައް ފާމަސީއަކަށް ގޮސްގެން ވެސް ބޭސް ސިޓީއަށް ބޭސް ހަމަނުވާ ކަމަށާއި މުހިއްމު އެތައް ބޭހެއް އެއްގޮތަކަށް ވެސް ލިބެން ނުހުންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
އެ ކުއްލި މައްސަލައިގައި ވަނީ، ބޭސް ނުލިބުމުގެ ސަބަބުން ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނާއި ދާއިމީ ބަލިތަކާއި ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެފަދަ މީހުންނަށް ދޭ ހާއްސަ ބޭސްތައް ހުސްވެފައި ހުންނަތާ އެތައް ދުވަހެއް ވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ބޭސް ލިބޭނެ ތަނެއް ނުވަތަ ބޭސް ލިބޭނޭ ގޮތެއް ހޯދަން ކޮންމެ ދުވަހަކު އެތައް ބަޔަކު ސޯޝަލް މީޑިއާގައި އާއްމުންގެ އެހީތެރިކަމަށް އެދެމުންދާތަން ފެންނަ ކަމަށާއި މިއީ ރައްޔިތުން "ބޭސް ސިޓީއަށް ސަލާން ޖަހަން" ދައުލަތުން މަޖުބޫރު ކުރުވުން ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ކުރީ ސަރުކާރުން ރާއްޖެއަށް ބޭސް ގެނައުމަށް ޔޫއެންޑީޕީއާ އެކު ސޮއިކުރި ބަލްކު ޕްރޮކިއުމެންޓު ނިޒާމު ވެސް މި ސަރުކާރުން ކުރިއަށް ނުގެންދާ ކަމަށް ފާހަގަކޮށް، މި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އާންމުންނަށް ބޭސް ލިބުން ދަތިވެފައިވަނީ ރޭވުންތެރިކަމެއް ނެތި އާސަންދަ ރިފޯމު ކުރުމަށް ސަރުކާރުން ނިންމި ނިންމުންތަކުގެ ސަބަބުން ކަމަށެވެ.
ސީދާ ސަރުކާރުން ޔޫރަޕުގެ މޮޅު ބޭސް ގެންނާނެ ކަމަށް ބުނެ، ބޭސް އެތެރެކުރާ ފަރާތްތަކާ ދެކޮޅަށް ވާހަކަ ދެއްކުމަށްފަހު ވެސް، ރާއްޖެއަށް ކޮންމެހެން ބޭނުންވާ މިންވަރަށް ބޭސް އެތެރެ ކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވެސް އެ މައްސަލާގައި ފާހަގަކޮށްފައިވެއެވެ.
މި ކުއްލި މައްސަލަ މަޖިލީހުން ބެރުކޮށްލީ، 36 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ކުއްލި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު