މިހާރު ބޭނުންކުރާ ޑްރެޖަރުތަކަށްވުރެ ދެގުނަ ބޮޑު ޑްރެޖަރެއް ރަސްމާލެ ހިއްކުމަށް ގެންނާނެ ކަމަށާއި އެތަން ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހަށް ނިންމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަމީނިއްޔާ ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލޭގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ތިން ދިމާލަކުން ހިއްކަމުންދާ އިރު، އެއް ދިމާލެއްގެ މަސައްކަތް ހުއްޓުމެއްނެތި ކުރިިއަށްގެންދާ ކަމަށެވެ.

"މި މަސް ނިމޭއިރު ނޫނިއްޔާ ޑިސެމްބަރުގެ ފުރަތަމަ ހަފުތާގައި އެތަނުގެ މަސައްކަތް ދެގުނަ ތިން ގުނައަށް ބާރުވެގެން ދާނެ ވަރަށް ބޮޑު ޑްރަޖަރެއް އެބަ ގެންނަން. މިހާރު ހުޅުމާލޭގެ ފޭސް ތިނެއް މި ހިއްކާ ޑްރެޖަރުގެ ދެގުނައިގެ ސައިޒްގެ ޑްރެޖަރެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަލަށް ގެނައި ޑްރަޖަރަށްވުރެ ވެސް ރަސްމާލެ ހިއްކަން ގެންނަ ޑްރެޖަރު ދެގުނަ ބޮޑުވާނެ ކަމަށާއި އެ ޑްރަޖަރު ގެނެވުމާއެކު ރަސްމާލެ ހިއްކުމުގެ ސްޕީޑު ތިންގުނައަށް މަތިވެގެންދާނެ ކަމަށެވެ. އަދި އެ ޑްރެޖަރާއެކު އަންނަ މަހުގެ ކުރީކޮޅު މަސައްކަތް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ފަށައިގެން ގޮސް މާޗް ހިސާބުން ނޫނީ، އެޕްރީލް ހިސާބަށް ދާއިރުގައި އެތަން އެއްކޮށް އިރާދަކުރެއްވިއްޔާ ނިމޭނެ. ނިމޭއިރުގައި ހިއްކައި ނިމެނީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ އޮތް ބިމަށްވުރެ ދެގުނަ ބޮޑުބިމެއް. އެހެންވީމަ އެތަން ހިއްކައި ނިމޭނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރަސްމާލޭގެ ޕްލޭންގައި 25،000 ގޯތި ހިމެނޭނެ ކަމަށާއި އެތަނުން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން 10،000 ގޯތި ދޫކުރާނީ މާލޭގެ ރަށްވެހިންނަށް ކަމަށެވެ. އަދި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ މީހުންނަށް 3،000 ގޯތި ހާއްސަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.