އަންނަ މަހުގެ ނިޔަލަށް ހުޅުމާލޭ ފޭސް ތިނެއް އަދި އަންނަ މާޗް މަހަށް ގިރާވަރުފަޅު ހިއްކައި ނިންމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަމީނިއްޔާ ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އަލަށް ގެނައި ޑްރެޖަރުން ހުޅުމާލޭ ފޭސް ތިނެއް ހިއްކަން ފެށި، ދެ ޑްރަޖަރާއެކު ހިއްކުމުގެ މަސައްކަތް އިތުރަށް ސްޕީޑު އަވަަސްވާނެކަން ފާހަގަކުރައްވައިފައެވެ.

"މި އަންނަ މަހުގެ ނިޔަލަށް ފޭސް ތުރީގެ ފުލް ސްކޯޕް ހިއްކައި ނިންމާނެ. ނިންމާއިރު ދެން ގިރާވަރުފަޅު ހިއްކުމަށްޓަކައި މިހާރު އީއައިއޭ އަށް ދެވިފައި އޮންނަ މަސައްކަތްތައް ހިނގަނީ. ދެން އެތަނަށް ބޭނުންވާ އިތުރު އިކުއިޕްމެންޓްސް ގެނައުމާއި ހުރިހާ ކަމެއް ހިނގަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭ ފޭސް ތިނެއް ހިއްކައި ނިމެންވާއިރަށް ގިރާވަރުފަޅުގެ ހިއްކަން ބޭނުންވާ ސަރަހައްދު ފާހަގަކޮށް، އީއައިއޭ ފާސްވުމުން ބަންޑްވޯލް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ފަހުކޮޅު ނުވަތަ ޖެނުއަރީ މަހުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށެވެ.

"ދެ މަހެއްހާ ދުވަސް ތެރޭގައި ނިމޭނެ. އޭގެ މާނައަކީ ޖެނުއަރީ އާއި ފެބްރުއަރީއާ. އެހެންވީމަ މާޗު މަހަށް މެދަށް ދާއިރު ގިރާވަރުފަޅު ހިއްކައި ނިމޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ކަންތައްތަކަކީ އެގްރިމަންޓް ހެދި ފައިސާ ދެވިގެން ރަނގަޅަށް ތަރުތީބުވެފައި ހުރި ކަންތައްތައް ކަމަށާއި އެތަންތަން ހިއްކައި ނިމުމުން، އެތަންތަނުން ގޯތި ލިބުނު އެންމެންނަށް ގޯތިތައް ހަވާލުކުރެވޭނެ ކަމަށެވެ.