އަރަބިއްޔާ ސްކޫލު ކުރިން ހިންގި އިމާރާތް ތަޅާލައި، އެތަނުގައި ޕާކިން ޒޯނަކާއި ޕާކެއް ހެދުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަމީނިއްޔާ ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަރަބިއްޔާ ކުރިން ހިންގި އިމާރާތް ބާވެ، ނުރައްކާތެރި ހާލަތަކަށް ދިއުމުން މިހާރު ހުސްކުރެވިފައިވާ ކަމަށާއި އެތަން ތަޅާލުމުގެ މަސައްކަތް ފެށުމަށް މިހާރު ޕަބްލިކް ވޯކްސް އިން ތައްޔާރުވެފައިވާ ކަމަށެވެ. އަދި 11000 އަކަފޫޓުގެ އެ ބިމުގައި މައިގަނޑު ދެ ބޭނުމެއް ހިފުމަށް ވިސްނާފައިވާ ކަމަށް ވިދާޅުވިއެވެ.

"އެތަނުގައި އެންމެ ފުޅާކޮށް ނޫނޭ އެންމެ ބޮޑު ސަރަހައްދެއް ޕާކިންއަށް، ސައިކަލު ފަދަ ޕާކިންއަށް ބޭނުންކުރެވޭނެ ގޮތަކަށް ކަނޑައަޅުމުގެ އިތުރަށް ރެއިޒްޑްް ލެވެލެއްގައި ޕާކެއް ކުޑަކުދިންނަށް ނޫނިއްޔާ މި ސްކޫލްތަކަށް އަންނަ ކުދިންނާ ބެލެނިވެރިންނަށް ބޭނުންކުރެވޭ ކަހަލަ މަޑުކޮށްލެވޭ ކަހަލަ ކޮންސެޕްޓްއަކަށް ބޭނުންހިފޭ ކަހަލަ ގޮތަކަށް ގްރީން ސްޕޭސްއެއް ތަރައްގީކުރުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމަށް ރައްޔިތުންގެ ހިޔާލު ބޭނުންވާ ކަމަށާއި ސަރުކާރުން އެތަން ތަރައްގީކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އަންނަ ރަމަޟާން މަހުގެ ކުރިން އެތަން ތަރައްގީކޮށް ނިންމުމަށް ބޭނުންވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ކުރިން ނިންމުމަށް އަމާޒު ހިފި ނަމަވެސް، އެއީ ބޮޑު ޕްރޮޖެކްޓަކަށްވުމުން އެއަށްވުރެ ގިނަ ދުވަސް ނަގައިފާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.