ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހުކޮށްފި އެވެ.
މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ އެ ސިޔާސަތު އިފުތިތާހު ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެ ސިޔާސަތު މިރޭ ގެޒެޓްކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެ ސިޔާސަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ އެ ސިޔާސަތުގެ ދަށުން އުމުރުން 18 އަހަރުން މަތީގެ ގެދޮރު ބޭނުންވާ އެންމެނަށް ގެދޮރު ފޯރުކޮށްދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ސިޔާސަތު ކަނޑައެޅުމުގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން އެންމެ އެކަށޭނަ ގޮތަކީ ކޮބައިތޯ ބަލައިފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ދުށް ގޮތުގައި އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުން. އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ތެރެއިން ފާހަގަކުރެވުނު ގެޕަކީ ބޯހިޔާވަހިކަމުގައި ސަރުކާރުން އިއުލާނުކުރާ ސޯޝަލް ހައުސިންއަށް ކުރިމަތިލާ އާބާދީ އިންތިހާއަށް ބޮޑުކަން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭ ސަރަހައްދުގައި ލަގްޒަރީ ފްލެޓްތައް އަޅަމުންދާއިރު އެއަށް ޝަރުތުހަމަވެ ފްލެޓް ލިބެނީ މަދުބަޔަކަށް ކަމަށެވެ.
"މީގެ ނަތީޖާއިން ދޭހަކޮށްދެނީ ވަރަށް ބޮޑު އާބާދީއަކަށް އަޅުގަނޑުމެން އިހުމާލުވެފައިވާކަން، އެއީ ހެޔޮވަރުވަރަކަށް އާމްދަނީ ލިބޭ ނަމަވެސް ދިރިއުޅުމުގެ ކަންކަން ހުރިގޮތުން ސޭވިން އެއް ނެތި ނުވަތަ ބޭންކް ފައިނޭންސެއް ނެތް ވަރަށް ބޮޑު އާބާދީއަކަށް އަޅުގަނޑުމެން އިހުމާލުވެފައިވާކަން،" ނާޒިމް ވިދާޅުވި އެވެ.
އެމީހުންނަށް އަމާޒުކޮށްގެން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް މަދުކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ސޯޝަލް ހައުސިން މަޝްރޫއު އެކަނި ހިންގުމަކީވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ލިބޭނެ ކަމެއް ނޫންކަން ފާހަގަކުރެވުނު ކަމަށެވެ.
"މުޖުތަމައުގައި ދިރިއުޅޭ އެކި ފަންތިތަކުގެ މީހުންނަށް އަމާޒުކޮށްގެން ބޯހިޔާވަހިކަން ސަރުކާރުތަކުން ހިންގުމަކީ އެއީ މި މައްސަލައަށް ޖުމްލަ ހައްލެއް ލިބިގެންދާނެ ވަށައިޖެހޭ ހައްލެއް ކަމަށް،"
އެހެންކަމުން އެ މައްސަލައަށް ހައްލު ހޯދުމަށް ރާއްޖޭގެ މާލީ އިދާރާތަކާއި އެންމެ ފުރަތަމަ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެއީ، ބޭންކުތަކުގެ އިންޓްރެސްޓް ރޭޓު ބޮޑުވުމާއި އިސްލާމިކް ފައިނޭންސްގެ ޕްރޮފިޓް ރޭޓު ބޮޑުވުމާއި އިކުއިޓީގެ ރޭޓު ބޮޑުވުން ކަހަލަ ކަންކަމުގެ ސަބަބުން ގެދޮރު ގަންނަން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތި ވާތީ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އެކަމުގައި އަޅުގަނޑުމެން ބޭންކުތަކާއި ވާހަކަ ދެއްކުމަށްފަހު އަޅުގަނޑުމެންނަށް ދެން ފެނުނީ މިކަމުގައި އަލިމަގެއް ދެން ހޯދޭނީ އެމްއެމްއޭ އާ ވާހަކަ ދައްކައިގެންކަން،"
އެމްއެމްއާ އެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި ކުރެވުނު މަސައްކަތުން އެމްއެމްއޭގެ ގާނޫނުން އެ އޮތޯރިޓީ އަށް ލިބޭ އިހުތިޔާރުގެ ދަށުން 'އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް' ބެހޭ ގަވާއިދެއް ގެޒެޓް ކުރެވުނު ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެ އުސޫލު އެމްއެމްއޭ އިން މިދިޔަ މަހު ވަނީ އާންމުކޮށްފަ އެވެ. އޭގެ ދަށުން ގެދޮރު މިލްކުކުރުމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކުތަކުން އެ ބޭންކުތަކުން ދޫކުރާ ލޯނުގެ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްއަށް މިހާރު ދޭން ޖެހެއެވެ.
އެމްއެމްއޭ އިން ވަނީ އެ ސްކީމްގެ ދަށުން ފައިނޭންސިން ފެސިލިޓީތައް ދޫކުރުމުގައި ބޭންކުތަކަށް މައިގަނޑު ދެ ގޮތެއް އިހުތިޔާރު ކުރެވޭނެ އެވެ. އެއީ، "ލީސް އެންޑިން ވިތު އޯނަޝިޕް" ނުވަތަ ބޭންކުތަކުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އާއި "އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން" ނުވަތަ ޑިވެލޮޕަރުން/އިންވެސްޓަރުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އެވެ.
އެ ސްކީމްގެ ދަށުން ހިންގާ ފުރަތަމަ ހައުސިން މަޝްރޫއު ހިންގަނީ ބީއެމްއެލުންނެވެ. "ލީސް އެންޑިން ވިތު އޯނަޝިޕް" އިހުތިޔާރުގެ ދަށުން ބީއެމްއެލް އިން ހިންގާ އެ މަޝްރޫއުގައި ހުޅުމާލެ 1 އާއި 3 އަދި ވިލިމާލޭގައި ޖުމްލަ 3،000 ފްލެޓް އަޅަން ވަނީ ނިންމައި ފްލެޓް އަޅަން ބޭނުންވާ ބިން ސަރުކާރުން މިހާރު ވަނީ ބީއެމްއެލްއާ ހަވާލުކޮށްފަ އެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ