އިޒްރޭލު ފިޔަވައި އެހެން ހުރިހާ ގައުމަކާއެކުވެސް ރާއްޖެއިން ގާތް ގުޅުން ބާއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ރާއްޖެއަށް އެކުވެރިކަމާއެކު ގުޅުން ބަދަހިކުރާ، އެކީގައި ކުރިއަށްދާން ބޭނުންވާ ހުރިހާ ގައުމަކާ އެކީގައި ވެސް ގާތް ގުޅުން ބާއްވައިގެން ކުރިއަށްދިއުމުގެ ސިޔާސަތު މިއަދާ ހަމައަށް އައިއިރުވެސް ދިޔައީ ތަންފީޒުކުރަމުން ކަމަށެވެ.

"އެއީ އެންމެ ކައިރި ގައުމުތައް ކަމުގައިވިޔަސް، އެންމެ ދުރު ގައުމުތައް ކަމުގައިވިޔަސް، އެންމެ ކުދި ގައުމުތައް ކަމަށްވިޔަސް، އެންމެ ބޮޑެތި ގައުމުތައް ކަމަށްވިޔަސް، އިޒްރޭލު ފިޔަވައި ހުރިހާ ގައުމަކާ މި ގައުމުން ގާތް ގުޅުން އޮންނާނެ. ފަލަސްތީނު ރައްޔިތުންނަށް ދޭ އަނިޔާ ދޭހާ ހިނދަކު މި ދިވެހިރާއްޖެއަކު އިޒްރޭލު މީހުންނަކަށް ނެތް މަރުހަބާ ކިޔުމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު ބޭން ކޮށްފައިވާނީ ދިވެހި ރައްޔިތުން އެކަމަށް ބޭނުންވެގެން ކަމަށާއި ފަލަސްތީނު ރައްޔިތުން އަނިޔާވެރިކަމާއެކު މަރާ މީހުންނަށް ރާއްޖެއިން މަރުހަބާ ނުކިޔާނެ ކަމަށެވެ. ރާއްޖޭގެ ރީތި ބީޗުތަކާއި މޫދުތައް ބޭނުންކުރުމަށް އިޒްރޭލަށް މަރުހަބާ ނުކިޔާ ކަމަށް އެ މަނިކުފާނު ވދިާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ގިނަ ފިއްތުންތައް އައި ޕާސްޕޯޓު ބޭންކުރަން އުޅުނީމަ. ޓޫރިޒަމް ހަލާކުވާނެއޭ، އެހެން ކަންތައްތައް ވާނެއޭ. އަޅުގަނޑު ގަބޫލުކުރީ އެއީ އެކަން ވާނެ ގޮތް ނޫން ކަމަށް. އެއީ މިއީ ޑިމޮކްރަސީއެއް، ޑިމޮކްރަސީގައި ކަންކަން ވާން ޖެހޭނީ ރައްޔިތުން ބޭނުންވާގޮތަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.