މޯލްޑިވްސް ކަސްޓަމްސް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވާފައިވާ ކަމަށް އެ ސާވިސްއިން ބުނެފިއެެވެ.

ޔުނީފޯމް އެޅި އެހެން ބޮޑީސްތަކުގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްފައިވާ އިރު، ކަސްޓަމްސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން މަސައްކަތް ކުރަމުންދޭތޯ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލާ ގުޅިގެން ޑެޕިއުޓީ ކޮމިޝަނަރާ އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ، މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ބެހޭގޮތުން ފިނޭންސް މިނިސްޓަރާ މަޝްވަރާކޮށް އަދަދުތަކެއް ކަނޑައަޅައި ފައިނަލްކޮށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ޔުނީފޯމް ބޮޑީތަކުގެ ތެރެއިން އެންމެ ފަހުން މުސާރަ ބޮޑުކުރާ މުއައްސަސާއެއްގެ ގޮތުގައި ކަަސްޓްސް ހިމެނޭކަން ފާހަގަ ކުރައްވައި ކޮމިޓީގައި އެކަމާބެހޭގޮތުން ސުވާލު ކުރެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާއެެވެ.

އޭނާ ވިދާޅުވީ ދައުލަތަށް އެންމެ ގިނަ އާމްދަނީ ހޯދައިދޭ އެއް މުއައްސަސާއަކީ ކަސްޓަމް ކަމަށްވާ އިރު، އެތަނުގެ ހިދުމަތްތައް ޒަމާނީކޮށް މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ގޮތުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ މަދުވަމުންދާ ކަމަށެވެ. އެހެންކަމުން އެ ކަންތައްތައް ރަނގަޅުކޮށް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ކުރަނީ ކޮންކަންތައްތަކެއްތޯ، ގަފޫރު ސުވާލު ކުރެއްވިއެވެ.

އެ ސުވާލާ ގުޅިގެން އިތުރު ތަފްސީލް ދެއްވަމުން ކަސްޓަމްސްގެ ބަޖެޓުގެ ކަންތައްތަކާ ހަވާލުވެ ހުންނަވާ، އަބްދުﷲ އަލީ ވިދާޅުވި، އެތަނުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ޕޭ ހާމަނައިޒޭޝަން އޮނިގަނޑުގެ ތެެރެއިން އަންނަ 2026 ވަނަ އަހަރު މުސާރަ ބޮޑުކުރާނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އޮތް ބަޖެޓް ކޮމީޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުވެސް ވިދާޅުވެފައިވަނީ އަންނަ އަހަރު ދައުލަތުން މުސާރަ ބޮޑުކުރަން ހަމަޖެހިފައިވާ ބައިގައި ކަސްޓަމްސް މުވައްޒިފުން ހިމެނޭ ކަމަށެވެ.