ދިރާގުން އެ ކުންފުނީގެ 3 ވަނަ ޑޭޓާ ސެންޓަރު، އަދި އަތޮޅު ތެރޭގައި އެ ކުންފުނިން ގާއިމްކޮށްފައިވާ ފުރަތަމަ ޑޭޓާ ސެންޓަރު ނ. ވެލިދޫގައި ހުޅުވައިފިއެވެ.
ދިރާގުން މިއަދު ބުނީ މިއީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، ޓެކްނޮލޮޖީގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގައި އެ ކުންފުނިން ހާސިލުކޮށްފައިވާ އިތުރު ލަނޑުދަނޑިއެއް ކަމަށެވެ.
އެ ޑޭޓާ ސެންޓަރު ހުޅުވުމަށް މިއަދު ވެލިދޫގައި ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ސެންޓަރު ހުޅުވައިދެއްވައިފައި ވަނީ، ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އާއި އެރަށު ކައުންސިލުގެ ރައީސް އާތިފް ހުސައިންއެވެ.
ދިރާގުން ބުނީ މި ޓިއާ-3 ރެޑީ ޑޭޓާ ސެންޓަރަކީ ދުނިޔޭގެ ފެންވަރުގައި އިތުބާރު ހިފޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާއިމްކޮށްފައިވާ ސެންޓަރެއް ކަމަށެވެ. އެ ސެންޓަރުގެ އެހީގައި، އެ ސަރަހައްދަށް ނިސްބަތްވާ ރިސޯޓުތަކާއި ކުންފުނިތަކަށް ހިދުމަތްފޯރުކޮށްދޭ ތަންތަނާއި ގާތުގައި ޑޭޓާ ރައްކާތެރިކުރުމުގެ މަގު ފަހިވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ކްލައުޑް ބޭސްޑް ހިދުމަތްތަކާއި އެކިއެކި އެޕްލިކޭޝަންތައް ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތައް ލިބި، ދެމެހެއްޓިނިވި ގޮތެއްގައި ވިޔަފާރި ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ދިރާގުން ވަނީ މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓާ ސެންޓަރު ކަމުގައިވާ ދިރާގު ހުޅުމާލެ ޑޭޓާ ސެންޓަރު ހުޅުވައިފައެވެ. މިއީ، އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓަރު ރިލައިބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަޑެވެ.
އެ ކާމިޔާބީއާ އެކު ދިރާގުން ދަނީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނީގެ ގޮތުގައި ފައިތިލަ ސާބިތުކޮށް، ދެމެހެއްޓެނިވި ތަރައްގީއަށާއި ރަށްރަށުގެ ކުރިއެރުމަށް ޓެކްނޮލޮޖީގެ އެހީގައި އިތުރު މަގުތައް ފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
އާއިޝަތު މާހާ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު