އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އެ މަޝްރޫއު ފަށާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. އެކުންފުނިން ބުނިގޮތުގައި އެ މަޝްރޫއުގެ ދަށުން 4338 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއް ކުރާނެއެވެ. އެ މަޝްރޫއަކީ 6.50 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.