އެކި މައްސަލަތަކާ ގުޅިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުންނާ މެދު އެ ކުންފުނީގެ މެނޭޖުމަންޓުން އަޅާ ފިޔަވަޅުތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ނުގުޅުއްވުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން މަޖިލިސް މެންބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

އާޝާތު މިކަމަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައެވެ.

އެފްއެސްއެމްގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވުނު ކޮރަޕްޝަން މައްސަލަތައް މާލިއްޔަތު ކޮމިޓީން މީގެ ކުރިން ތަހުގީގު ކުރުމަށްފަހު، ކޮރަޕްޝަން މައްސަލަތައް ހުޓުވުމަށް މަޖިލީހަށް ހުށަހަޅައިގެން ރެކޮމެންޑޭޝަންތަކެއް އެފްއެސްއެމްގެ މައްޗަށް ވަނީ ފާސްކޮށްފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ އެ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރާ މިންވަރު ބެލުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ކޮރަޕްޝަން ފަދަ މައްސަލަތައް ހުއްޓުވުމަށް މުވައްޒަފުންނަށް ފިޔަވަޅު އަޅާ މައްސަލައިގައި އާޝާން ވިދާޅުވީ، އެފްއެސްއެމްގެ ހާލަތު ރަނގަޅު ކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މެންބަރުންގެ ފޯނު ކޯލުތަކާއި ރިކުއެސްޓްތައް ކަމަށެވެ.

އެގޮތުން އެކި މައްސަލަތަކުގައި މުވައްޒަފުން ވަކި ކުރަން ޖެހޭ ހާލަތްތަކާއި މައްސަލަ ފުލުހަށް ހުށަހަޅަންޖެހޭ ހާލަތްތަކުގައި އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ގުޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހިންގަން ތިއްބަވާ ބޭފުޅުންނަށް ސިޔާސީ ފަރާތްތަކުން ގުޅަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި ނަޒާހަތްތެރިކަމާ އެކު، ކަންކަން ކުރުމަށް ހުރިހާ އެންމެން ވެސް އެއްބާރުލުން ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންވީމާ އެއްވެސް ބޭފުޅަކު އަޅުގަނޑުމެންނަށް ނުގުޅުއްވާށޭ، އަޅުގަނޑުމެން ވަޒީފާ އިން މީހަކު ވަކި ކުރަން ބޭނުންވާ ހިނދަކު. ނޫނީ ޕޮލިހަށް އެ މައްސަލަ ހުށަހަޅަން ބޭނުންވާ ދުވަހަކު އެއްވެސް ބޭފުޅަކު އަޅުގަނޑުމެން ދެމީހުންނަށް މެސެޖެއް ވެސް ނުކޮށްލިއްޔާ އަޅުގަނޑުމެންނަށް ރަނގަޅީ،"

އެހެންކަމުން ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މެންބަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ މިފަދަ މައްސަލަތައް ހައްލުކޮށް، ހަރުދަނާ ކަމާ އެކު ހިންގޭނީ ސިޔާސީ މީހުން ނުފޫޒު ފޯރުވުން ހުއްޓާލުމުން ކަމަށް ވެސް އާޝާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަންކަން މިދަނީ ރަނގަޅު ކުރަމުން. އަޅުގަނޑުމެން މީހަކު ކަނޑާލަން ބޭނުންވާ ހިނދެއްގައި ކަނޑާލެވޭ ގޮތަށް ކަންކަން، މި މޭޒުވާށާ ތިއްބެވި ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް އެހީތެރިވެގެންނޭ އެކަން ކުރެވޭނީ. އަޅުގަނޑުމެން މީހަކު ކަނޑާލަން ކޮމިޓީއަކުން ނިންމީމަ ނޫނީ ޗިޓު ދޭ ހިސާބުން އެއްވެސް ބޭފުޅަކު ނުގުޅީމައޭ އެކަން ތަންފީޒު ކުރެވޭނީ،"