ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ބައެއް ބާޖުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަގަށް ތެޔޮ ވިއްކާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެންގި ރެކޮމެންޑޭޝަންތަކާ އެއްގޮތަށް ތެޔޮ ބާޖު ތަކުގައި ސީސީޓީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، 28 މިލިޔަން ރުފިޔާގެ ހިޔާނާތެއްވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ފާހަގަވި މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަށްފަހު، އެކަން ހުއްޓުވުމަށް ކޮމިޓީން ރެކޮމެންޑޭޝަންތަކެއް މަޖިލީހަށް ހުށަހަޅައި ފާސްކުރިއެވެ.

އޭގެ ތެރޭގައި ތެޔޮ އުފުލާ އުޅަނދުފަހަރުތައް މޮނިޓާކުރުމަށް ބޯޓުފަހަރުގައި ކެމެރާ ހަރުކުރުމަށް ބޭނުންވާ ސިސްޓަމް ތަކާއި ތެޔޮ ދޫކުރުމަށް ބޭނުންކުރާ މީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކޮށް ޑިޖިޓަލްކޮށް ލައިވް ރިޕޯޓު ނެގޭގޮތަށް ހެދުން ހިމެނެއެވެ. އަދި ބާޖުތަކުގެ ޓޭންކުގައި ހުންނަ ތެލުގެ އަދަދު ލައިވްކޮށް މޮނިޓާކުރުމަށް އޮޓޮމެޓިކް ގޭޖިން ސިސްޓަމްތައް ހަރުކޮށް 45 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ވެސް އެފްއެސްއެމްއަށް ވަނީ އަންގައިފައެވެ.

މީގެ އިތުރުން ތެޔޮ އުފުލާ އުޅަނދުފަހަރުތަކުން އޯފްޝޯ އަދި ސަލްވޭޖު އޮޕަރޭޝަން ތަކަށް ބޭނުންވާ ޑީސަލް ފޯރުކޮށްދިނުމަށް މާލޭ ސަރަހައްދުން އުޅަނދުފަހަރު ބޭރުވުމަށްފަހު ނުވަތަ ވަކި ދުރުމިނެއް ފަހަނައަޅާ ދިއުމަށް ފަހު އެ އުޅަނދުފަހަރުތައް މޮނިޓާކުރުމަށް ބޭނުންވާ އޮޓޮމެޓިކް އައިޑެން ޓިފިކޭޝަން ސިސްޓަމްތައް ތިންމަސް ދުވަހުގެ ތެރޭގައި ހަރުކުރުމަށްވެސް އަންގާފައިވެއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ އެ މަސައްކަތްތައް ކޮށްފައިވާ މިންވަރު ބެލުމަށް އެފްއެސްއެމްގެ އިސްވެރިން ހާޒިރުކޮށް ބޭއްވި ބައްދަލުވުމެކެވެ.

މިއަދުގެ މައްދަލުވުމުގައި އެކަމާބެހޭ ގޮތުން ކޮމީޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން ވިދާޅުވީ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ފެންމަތިވެފައިވާ ކަމަށާއި ބައެއް އުޅަނދުތަކުގައި އެކަން އިތުރުވެފައިވާ ކަމަށެވެ. އަދި އެ ފަދަ މައްސަލައެއްގައި، ވަރަށް ފަހުން ދެ ބާޖެއްގެ ހުރިހާ ފަޅުވެރިން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެކަން ހައްލު ކުރުމުގެ ގޮތުން ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައި، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އެކަން ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ޕްރޮޖެކްތްގެ ދަށުން ވަރަށް އަވަހަށް ހުރިހާ ބާޖެއްގައި ކެމެރާ ހަރުކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ބޯޓުތަކުގައި ކަންކަން ކުރިއަށްދާ މަންޒަރު ވަގުތުން ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ވިދާޅުވިއެެވެ.