އައްޑޫ ހުޅުދޫގައި ހަދާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗުގެ ބިންގާ އަޅައިފިއެވެ.

ހުޅުދޫގައި ބީއެމްއެލް ބްރާންޗްގެ ބިންގާ އެޅީ އައްޑޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާއި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފާއި ބީއެމްއެލްގެ ޗެއާމަން އަހުމަދު އަލީ ހަބީބާއި އެ ދާއިރާގެ މަޖިލިސް މެމްބަރު، މުހައްމަދު ޝާހިދު (ޝާޑު) އެވެ.

ބީއެމްއެލުން ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރުފިޔާ އޭޓީއެމް ބަހައްޓައި ނިންމައިފައެވެ.

މީގެ އިތުރުން އަންނަ އޭޕްރީލްގެ ކުރިން އާބަން ސެންޓަރުތަކާއި ސިޓީތައް ހިމެނޭގޮތަށް ލޯކަލް ޓޫރިޒަމް އެންމެ ފުޅާކޮށް ކުރާ ރަށްރަށުގައި ޖުމުލަ 30 ޑޮލަރު އޭޓީއެމް ބަހައްޓަން ބީއެމްއެލްއަށް އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.