އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ،

ރައީސް އެގޮތަށް ކަނޑައެޅުއްވީ "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން" އަށް އިސްލާޙު ގެންނަވައި ގަރާރަކުންނެވެ.

ރައީސް މިގޮތަށް ނިންމެވީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓަށްފަހުއެވެ. އެ ވޯޓުގައި ހުޅުދޫ އަދި މީދޫ ރައްޔިތުން ނިންމީ ވަކި ކައުންސިލެއް އުފެއްދުމަށެވެ.

ރައީސްގެ ގަރާރުގައި ވަނީ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ" ގައި ހިމެނޭނީ "ހިތަދޫ" އާއި "މަރަދޫ" އާއި "މަރަދޫފޭދޫ" އާއި"ފޭދޫ" ކަމަށެވެ. އަދި "އައްޑޫ" ގެ އިހުތިސޯސްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.